ވޯލްޑްކަޕް ވޯލްޑްކަޕް ބްރެޒިލާއެކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް އެންޗެލޮޓީ ތައްޔާރު

ބްރެޒިލާއެކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލުމަށް ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޮޓީ ތައްޔާރުވެއްޖެއެވެ.
ނިއު ޖާޒީގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަކީ އެންޗެލޮޓީގެ ކޯޗިން ކެރިއަރުގައި ވޯލްޑް ކަޕްގައި އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މެއި މަހު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި އުމުރުން 67 އަހަރުގެ އެންޗެލޮޓީ ބުނީ، މިއީ އޭނާގެ ކެރިއަރުގައި ލިބޭ ވަރަށް ހާއްސަ އަދި ޒިންމާ ބޮޑު ތަޖުރިބާއެއް ކަމަށެވެ.
ބްރެޒިލް މިފަހަރުގެ މުބާރާތަށް ނިކުތީ ރެކޯޑު ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އަމާޒުގައެވެ. 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ނުވާ ބްރެޒިލްއާ މެދު އެންޗެލޮޓީ ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ.
ކްލަބު ކެރިއަރުގައި ރެއާލް މެޑްރިޑާއި އޭސީ މިލާނާއި ޗެލްސީ އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެންޗެލޮޓީ ބުނީ، ބްރެޒިލްގެ ޓީމަކީ ދުނިޔޭގެ ކޮންމެ ޓީމަކާ ވެސް ވާދަކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ.
މި މެޗުގެ ކުރިން ވާހަކަދައްކަމުން ޓީމުގެ ތަރި ވިނީޝިއަސް ޖޫނިއާ ބުނީ، ބްރެޒިލް މި މުބާރާތަށް އައީ ޗެމްޕިއަންކަން ހޯދަން ކަމަށާއި، ޓީމުގެ އަމާޒަކީ ބްރެޒިލްގެ ފުޓްބޯޅަ އަލުން ހައްގުވާ މަގާމަށް ގެންދިއުން ކަމަށެވެ. ގްރޫޕް ސީގައި ހިމެނޭ ބްރެޒިލްއާއެކު ދެން މި ގްރޫޕްގައި ހިމެނެނީ ތުރުކީގެ އިތުރުން ހެއިޓީ އާއި ސްކޮޓްލެންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ