ފަހަތުން އަރާ ހުރާ ބަލިކޮށް ގައްދޫއަށް މުހިންމު މޮޅެއް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގައި، ކާފު އަތޮޅުގެ ޗެމްޕިއަން ކ. ހުރާގެ މައްޗަށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ގދ. ގައްދޫން ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން މިދިޔަ އަހަރު އަލަށް ތައާރަފުކުރި ހަތަރު ރީޖަނަލް ލީގުގެ އޮނިގަނޑުގެ ދަށުން ކުޅުނު މެޗެކެވެ. މި ކޮލިފިކޭޝަން ބުރަކީ އަތޮޅުތެރޭގެ ގަދަބާރުތަކާއި މާލޭގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަނުންގެ އިތުރުން، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ޓީމުތަކަށް އަންނަ ސީޒަނުގެ ޕްރިމިއަރ ލީގުން ޖާގަ ހޯދުމަށް ލިބޭ އެންމެ ފަހު ރަން ފުރުސަތެވެ. މި މެޗުގެ ފުރަތަމަ ހާފު ހުރާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަސިއެރް ގޯމޭސް އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި ހުރާއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަންގައި ގދ. ގައްދޫއާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ އެފްއޭއެމް ނަމަވެސް، ސައުތު ރީޖަންގެ ޗެމްޕިއަން ގައްދޫން މާޔޫސްނުވެ، ހަމަލާތައް ވަރުގަދަކޮށް، އޭގެ އެންމެ ހަ މިނެޓު ފަހުން އަލީ މުޙައްމަދުގެ ހިތްގައިމު ލަނޑުން ނަތީޖާ އެއްވަރުކުރިއެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ގައްދޫ ކޮޅަށް އަނބުރާލީ 66 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް އެމަނުއެލް އޮލުބެންގާ މަކިންޑެ ކާމިޔާބުކޮށްދިން މޮޅު ލަނޑުންނެވެ. މިއީ މި ފަހަރުގެ ކޮލިފައިން ބުރުގައި ގައްދޫން ހޯދި ފުރަތަމަ މޮޅެވެ. މި މުބާރާތުގައި ވާދަކުރާ ހަ ޓީމުގެ ތެރެއިން އެންމެ ކުރިހޯދާ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނެއެވެ. މި ވަގުތު ތާވަލުގެ ކުރީގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ މާލޭ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. ދެވަނައިގައި އޮތް ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އަދި ތިންވަނައިގައި އޮތް ގައްދުއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގައްދޫން ދެ މެޗު ކުޅެފައިވާއިރު ދިއްދޫން ކުޅެފައިވަނީ އެންމެ މެޗެކެވެ. ތާވަލުގެ ފަހަތުގައި އޮތީ އެންމެ ޕޮއިންޓަކާއެކު ޓީސީ ސްޕޯޓްސް ކުލަބާއި، ކ. ހުރާ އަދި ކުލަބު ގްރީން ސްޓްރީޓްސްއެވެ. މީގެ ތެރެއިން ޓީސީން އެންމެ މެޗެއް ކުޅެފައިވާއިރު، ހުރާ އާއި ގްރީން ސްޓްރީޓްސް ވަނީ ދެ މެޗު ކުޅެފައެވެ. މި ބުރުގެ ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ހއ. ދިއްދޫ އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ ފޯރިގަދަ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ