ބްރެޒިލް ވެގެން މޮރޮކޯ އިން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފި

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު މޮރޮކޯ އިން ކުޅޭ ފުރަތަަމަ މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅެން ޖެހުމަކީ، މޮރޮކޯ އިން ޖެހިލުންވެގެން ތިބެ ވަކި ވިސްނުންތަކެއްގެ މައްޗަށް ބިނާވެގެން ކުޅެން ޖެހޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް މޮރޮކޯގެ ކޯޗު، މުހައްމަަދު އުއާބީ ބުނެފި އެވެ. 
އުއާބީ އަށް މޮރޮކޯގެ ކޯޗުކަން ލިބުނީ މިދިޔަ މާޗް މަހު މޮރޮކޯގެ ކޯޗުކަމުން ވަލީދު ރެގްރާގީ ވަކިވުމުންނެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ކުޅެގެން ޖެނުއަރީ މަހު ސެނެގާލް އަތުން ބަލިވުމުން ރެގްރާގީ އަމިއްލަ އަށް ނިންމީ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށެވެ. އެ ގޮތުން، ރެގްރާގީ ޓީމު ދޫކޮށްލި ފަހުން، އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން ނިންމީ ޑިސިޕްލިނަރީ ފިޔަވަޅެއް އަޅައި، ސެނެގާލް އަތުން ތަށި ނަގައި، ކެމަރޫން އަށް ދިނުމަށެވެ. 
އެހެންކަމުން، މޮރޮކޯ އިން ރަސްމީ ސިފައެއްގައި ބަލާނަަމަ، ވޯލްޑް ކަޕާ ކުރިމަތިމިލަނީ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އަށް ގިނަ ބަަޔެއްގެ ލޯ އަމާޒުވާނެ އެންމެ ބޮޑު ސަބަބަކީ، މީގެ ހަތަރު އަހަރު ކުރިން، ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ އިން ސެމީ ފައިނަލަށް ދަތުރުކޮށް ތާރީހީ ކުރިއެރުމެއް ހޯދާފައިވާތީ އެވެ. އެ ކާމިޔާބީ އަށް ފަހު މި ފަހަރުގެ ވޯލްޑް ކަޕް ފަށަން މޮރޮކޯ އިން ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލާ ކުޅެން ޖެހުމަކީ މޮރޮކޯ ޓެސްޓްކޮށްލަން ގިނަ ބަޔަކަށް ލިބޭނެ ފުުރުސަތެކެވެ. 
"މި މެޗު ބުނެދޭނެ މިހާރު އަހަރެމެން މި ހުރީ ކިހާ ހިސާބެއްގައިތޯ. އަހަންނަށް ހީވަނީ އަހަރެމެން މި ތިބީ ރަނގަޅު ލެވަލެއްގައޭ މުބާރާތް ފަށަން ބަލާއިރު،" ބްރެޒިލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުއާބީ ބުންޏެވެ. "އަހަރެމެންނަށް ހާސިލްކުރެވުނު ކަންކަމަށް ބަލާއިރު، ވަރަށް ކޮންފިޑެންސާ އެކު އަަހަރެމެން ތިބެންޖެހޭނީ، އަހަރެމެން ބްރެޒިލް ދެކެ ޖެހިލުންވެގެން ނުވާނެ އިހުތިރާމް އަދާކުރިއެއް ކަމަކު،" 
އުއާބީ ބުނީ، ގިނަ ބަޔަކު މިހާރު އޮތް ބްރެޒިލަކީ ކުރިން އޮތް ލެވަލްގެ ޓީމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނި ކަމުގައި ވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. 
"މީހުން ބުނޭ އެއީ ކުރީގެ ވަރުގަދަ ބްރެޒިލެއް ނޫނޭ. އެކަމަކު، އަހަންނަށް ފެންނަނީ ހަމަ ބްރެޒިލްގެ ގޮތުގައި،" އުއާބީ ބުންޏެވެ. 
ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި މޮރޮކޯ އޮތީ ބްރެޒިލަށް ވުރެން އެއް ދަރަޖަ ފަހަތުން ދުނިޔޭގެ ހަތް ވަނައިގަ އެވެ. އުއާބީ ބުނީ، މި ވޯލްޑް ކަޕްގައި  މޮރޮކޯ އަށް ކުރިން ނެރުނު ނަތީޖާ ނެރުމުގެ ޕްރެޝަރު އޮތުމަކީ އުފަލާ އެކު ބަަލައިގަންނަ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ