އިންފަންޓީނޯގެ ޖޯކެއް: ވޯލްޑް ކަޕަށް 64 ޓީމު ކޮލިފައިވަންޏާ އިޓަލީ ވެސް ފެނިދާނެ!

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 13) - ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ އަދަދު 64 ޓީމަށް އިތުރު ކުރުމުގެ ވާހަކަތައް ދެކެވޭ ކަމަށާއި އޭރުން އިޓަލީ އަށް ވެސް މުބާރާތުގައި ވާދަކުރެވޭނެ ކަމަށް ވިދާޅުވެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޖޯކުޖައްސަވައިފި އެވެ. 
ވޯލްްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ އިޓަލީ އަށް އެންމެ ފަހުން ތިން ވޯލްޑް ކަޕްގައި ވެސް ވާދަނުކުރެ އެވެ. އެއީ، 2018 އާއި 2022 އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އިޓަލީ އަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމުތަކުގެ ތެެރެއިން މި ފަދަ ރެކޯޑެއް އޮތް ހަމައެކަނި ގައުމެވެ. 
ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި ވާދަކުރެވޭ ޓީމުތަކުގެ އަދަދު އިތުރުކުރުމުގެ ވާހަކަތައް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވޯލްޑް ކަޕުގައި ކުޅޭ ޓީމުތައް އިތުރު ކުރުމުގެ މަޝްވަރާތައް މިހާރު ފީފާ ކައުންސިލާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ. 
"ފަަހަރެއްގައި އިޓަލީ (ވޯލްޑް ކަޕް އަށް) ކޮލިފައިވެދާނެ، 64 ޓީމާ އެކު، ނޫނީ ކިހިނެއްވާނެ (ފީފާ މެމްބަރު ހުރިހާ ގައުމެއް) 208 ގައުމަށް ވެސް ހަދަން،" ސަމާސާ ގޮތަކަށް އިންފަންޓީނޯ ވިދާޅުވި އެވެ. 
ފީފާ ވޯލްޑް ކަަޕްގައި ކުޅެވޭ ގައުމުތައް އިތުރުކުރަން، ހުށަހަޅާފައިވަނީ، ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ ފެޑެރޭޝަން. (ކޮންމެބޯލް) އިންނެވެ. އެއީ، ދެން، 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަަޕަކީ، ފީފާ ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވިތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެވެ. 
ދެން އޮތް ވޯލްޑް ކަޕް، 2030 ވަނަ އަހަރު ހޯސްޓްކުރަން ކަނޑައަޅާފައިވަނީ، މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގަ އެވެ. އެކަމަކު، އެ މުބާރާތުގެ ހާއްސަ ބައިތަކެއް، އާޖެންޓީނާ އާއި ޕެރަަގުއޭ އަދި އުރުގުއޭގައި ކުރިއަށްގެންދާ ގޮތަށް ފީފާ އިން ވަނީ ހަމަޖައްސައިފަ އެވެ. 
އިތުރު ދައުރަކަށް ފީފާގެ ރައީސަކަށް ވާދަކުރައްވަން ނިންމަވާފައިވާ އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުގެ އަދަދު އިތުރުކުރުމާ މެދު ރަނގަޅު ވިސްނުމުގައި ވާހަކަ ދެއްކުމަށް ޖާގަ ލިބޭނީ މިހާރު ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ 48 ގައުމު ކުޅެވޭ ފުރަަތަމަ ވޯލްޑް ކަޕްގެ ކަންކަން ދާ ގޮތް ބެލުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ