ކެނަޑާގެ ވިސާ ނުލިބި ޕާޓޭ އަށް ފުރަތަމަ މެޗު ގެއްލޭނެ

ޓޮރޮންޓޯ (ޖޫން 13) - ގާނާ ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ އަށް ކެނަޑާގެ ވިސާ ހަަމަނުޖެހޭތީ، ގާނާ އިން މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފުރަތަަމަ މެޗުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. 
ގާނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ޕެނަމާއާ ބައްދަލުކުރާއިރު، އެ މެޗަށް ގާނާ އިން ދަތުރުކުރާނީ އެ ޓީމު ކޭމްޕް ކޮށްގެން ތިބި އެމެރިކާގެ ބޮސްޓަން އިންނެވެ. އެކަމަކު، ފުރަތަަމަ މެޗަށް ކެނަޑާ އަށް ދަތުުރުކުރާ ޓީމުގެ ތެރޭގައި ޕާޓޭ ނުހިމެނޭނެ އެވެ. ޕާޓޭ، މަޑުކުރާނީ ބޮސްޓަންގަ އެވެ. 
ޕާޓޭ އަށް ކެނަޑާގެ ވިސާ ހަމަޖެހޭގޮތެއްނުވީ އޭނާގެ މައްޗަށް ތުހުމަތުވާ ރޭޕްގެ މައްސަލައެއްގެ ތަހުގީގު ކޯޓުގައި ކުރިއަށްދާތީ އެވެ. 
ރޭޕުގެ ތުހުމަތުތަކަކާ ގުޅިގެން ކޯޓުގައި މި ވަގުތު ވެސް މައްސަލަ އޮތް މިޑްފީލްޑަރު، ތޯމަސް ޕާޓޭ، އަށް މި މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ގާނާ ޓީމަށް ކުޅެން ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ގާނާ ޓީމުގެ ކޯޗު، ކާލޯސް ކުއެރޯޒް ވަނީ ބުނެފައި.
މިހާރު ސްޕެއިނުގެ ވިޔަރެއާލަށް ކުޅެމުން އަންނަ 32 އަހަރުގެ ޕާޓޭ، ކުރިން އާސެނަލް އަށް ކުޅެމުންދިޔައިރު، 2020 އާއި 2022 އާ ދެމެދުގެ މުއްދަތުގައި، ތިން އަންހެނަކާ އެކު، ހިނގި މުއާމަލާތްތަކަކާ ގުޅޭ ރޭޕާއި އަނިޔާކުރުމުގެ މައްސަލަތައް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ޕާޓޭ ވަނީ މި ތުހުމަތުތަކުން އޭނާގެ ނަން ސަލާމަތްކުރަން ކޯޓު މަރުހަލާގައި ލިބުނު ފުރުސަތަށް މަރުހަބާ ކިޔައިފަ އެވެ. 
މައްސަލަ ކުރިއަށްދާ މުއްދަތުގައި ވެސް ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަން، ކޯޓުން ދިން ބެއިލްގެ ފުރުސަތުގައި ޕާޓޭ، ވަނީ އާސެނަލް ދޫކޮށް ވިޔަރެއާލަށް ބަދަލުވެފަ އެވެ. އަމާޒުވާ ހުރިހާ ތުހުމަތަކަށް ޕާޓޭ ދެކޮޅު ހަދާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މި އަހަރުގެ ނޮވެމްބަރުގައި އޮންނާނެ ކަމަށް ބުނެފައިވާއިރު، އެ އަޑު އެހުން އަންނަ އަހަރަށް ލަސްވުމުގެ ފުރުސަތު އެބައޮތެވެ.
ޕާޓޭ އަށް ޕެނަމާ މެޗު ގެއްލުނު ނަމަވެސް، އެމެރިކާގައި ގާނާ އިން ކުޅޭ ދެ މެޗުގައި ކުޅެވޭނެ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ. އެއީ، މި މަހު 23 ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި މި މަހު 27 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. 
ކެނަޑާގެ ވިސާ ޕާޓޭ އަށް ހަމަނުޖެހުމާ ގުޅޭގޮތުން، ފީފާ އިން ބުނީ، ގައުމުތަކުގެ އިިމިގްރޭޝަން ގަވާއިދުތަކަކީ ފީފާގެ ބެލުމުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަަމަށާއި އެ ކަންކަމަށް ބަދަލެއް ގެނައުމުގެ ބާރު ވެސް ފީފާ އަށް ނޯންނަ ކަމަށެވެ. ކެނަޑާ ސަރުކާރުން ބުނެފައިވަނީ، މައްސަލައެއްގެ ތުހުމަތު އަމާޒުވެ، ކޯޓުގައި ތަހުގީގެއް ހިނގާނަމަ، ކެނަޑާ އަށް އެތެރެވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ