ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އިން ވަކިވިކަން އޭނާ އިއުލާނުކުރައްވައިފި އެވެ.
އުމަރު ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ އިން މިހާރު ނިންމަމުންދާ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި އެހެން ކަމުން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޖޭޕީން ވެކިވެފައިވާ ކަމަށެވެ.
އުމަރު ހިތްހަމަ ނުޖެހުނީ ކޮން ނިންމުކަމާ މެދު ކަމެއް އޭނާގެ ޓުވީޓްގައި ވިދާޅެއް ނުވެ އެވެ. ނަމަވެސް ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ކަމަށް ބުނެ، ޖުމްހޫރީ ޕާޓީ އިން ވަނީ އިދިކޮޅު އެމްޑީޕީއާ އެއް ގަލަކަށް އަރައިފަ އެވެ. އަދި ދެ ޕާޓީ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުން އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ހަމައެހެންމެ "ގާނޫނާ ހިލާފަށް" މަޖިލިހުގެ ތެރެއިންނާއި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް އެކުގައި، މަސައްކަތް ކުރުން ހިމެނެ އެވެ.
އަދި އެކަންކަން ކުރުމަށް ދެ ޕާޓީގެ އިސްވެރިން ހިމެނޭ ގޮތަށް އިންޓަ ޕާޓީ ކޮމިޝަންގެ ނަމުގައި ޖޮއިންޓް ކޮމިޝަނެއް އުފެއްދުމާއި އިންޓަޕާޓީ ޕާލަމެންޓްރީ ގްރޫޕެއް އުފެއްދުމަށާއި އެކަން 10 ދުވަހުގެ ތެރޭގައި ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ދެ ޕާޓީ އިން ވި އެއެއްބަސްވުމުގައިވެ އެވެ.
އުމަރު ވިދާޅުވީ ޖޭޕީން ވަކިވި ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދު ވެސް އިހުތިރާމުކުރައްވާ ވިިޔަފާރީގެ ޕާޓުނަރެއް ކަމަށާއި އަދި މެންޓޯއެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއް ކަމަށެވެ.
އުމަރު ޖުމްހޫރީޕާޓީއާ ގުޅިވަޑައިގެންފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމުން ބޭއްވި ޕްރައިމެރީގައި ރައީސް ޔާމީނާ ވާދަކޮށް ބަލިވުމާ ގުޅިގެން އެފެދުނު ހިޔާލުތަފާތުވުންތެކެއްގެ ތެރެއިންނެވެ.
މިހާރު އުމަރު ފުރުއްވަމުންގެންދަވާ ހޯމް މިނިސްޓަރު ކަމުގެ މަގާމަކީ އޭރު ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް ލިބުނު މަގާމެކެވެ.
ޖޭޕީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން އުމަރު އެ ޕާޓިން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ