ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރަމުން އަންނަ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކަންކަމަށް ބަލައި، އެ ގައުމުގެ ފުޓްބޯޅައާ މެދު ވިސްނާއިރު ފެންނަނީ އޭނާ ބޭނުންވާ ފުޓްބޯޅައިގެ "ފިލޯސަފީ" ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. މިއަދުގެ މެޗުތަކަށް ކުރިމަތިލާއިރު، ރާއްޖެ ފިޔަވައި ދެން އޮތް ތިން ޓީމު ކަމަށްވާ، އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް އަށް ފަައިނަލުގެ ފުރުސަތު އެބައޮތެވެ. މިއަދު ހަވީރު، އަފްގާނިސްތާން އާއި ޕާކިސްތާން ކުޅޭއިރު، މިރޭ ކުޅޭނީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ.
މި ވަގުތުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، ޕާކިސްތާން އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކު އެވެ. ދެ ވަނައިގައި އޮތް އަފްގާނިސްތާނަށް ދެ މެޗުން ހަތަރު ޕޮއިންޓާއި ފައިދާ އެއް ގޯލު އޮތްއިރު، ތިން ވަނައިގައި އޮތް ބަންގްލަދޭޝްގެ އޮތީ ދެ މެޗުން ދެ ޕޮއިންޓެވެ. ބަންގްލަދޭޝަށް ފައިނަލަށް ދެވެން އޮތީ މިރޭ ރާއްޖެ ބަލިކޮށްގެންނެވެ. ފުލުގައި އޮތް ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ރާއްޖެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ. ބަންގްލަދޭޝް ވަނީ ކުޅުނު ދެ މެޗުގައި އަފްގާނިސްތާން އާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެެވެ.
ޕާކިސްތާން އަތުން ބަލިވި މެޗަށް ފަހު، އުރްބާނީ ބުނީ، ބަންގްލަދޭޝްގެ ފަރާތުން ފެންނަނީ އޭނާގެ ފުޓްބޯޅަ ފިލޯސަފީއާ އެންމެ ގުޅޭ ކުޅުން ކަމަށެވެ.
އޭގެ މާނަ އަކީ އެ ޓީމަކީ، އަފްގާނިސްތާނާއި ޕާކިސްތާނަށް ވުރެން މޮޅު ޓީމަކަށް ވުމެއް ނޫން ކަމަށާއި ބަންގްލަދޭޝްގެ ސްޓައިލް ފެންނަނީ ޖެހިލުންކުޑަކަމާ އެކީ ކުޅެން ކެރޭ ޓީމެއް ގޮތަށް ކަމަށެެވެ.
"ބަންގްލަދޭޝް އަށް މި ލެވަލްގެ ޓީމުތަކާ ދެކޮޅަށް ކުޅެން މިހާރު ފޮނުވާފައި އެ އޮތް ޓީމު ފޮނުވީމަ އެބަ އެނގޭ އެ މީހުންގެ ކުޅުންތެރިންގެ ޕޫލް އެ އޮތި ވަރަށް ރަނގަޅަށްކަން. އެހެންވީމަ އަހަރެމެން ވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރަންވީ މަސައްކަތް،" އުރްބާނީ ބުންޏެވެ.
އަދި، އުރްބާނީ ބުނީ، ބަންގްލަދޭޝް އިން މި ފަދަ މުބާރާތަކަށް 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމެއް ފޮނުވަން އަމާޒުހުރުމަކީ، އެ ގައުމުގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް ކުޅެވޭނެ ލެވަލްގެ ގިނަ ކުޅުންތެރިންތަކެއް ތިބިކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި، ރާއްޖެ އަށް އެ ފުރުސަތު އެ ގޮތަށް އޮތުމަކީ އޭނާ ވެސް ބޭނުންވާނެ ކަމެއް ކަމަށާއި، އެކަަމަކު، ފުރަތަމަ ކަމަކަށް ރާއްޖޭން ޖެހޭނީ އެ ލެވަލަށް ވިސްނުން ބަހައްޓައިގެން މަސައްކަތް ކުރާނެ ރަނގަޅު ކުޅުންތެރިން ހޯދުމަށް ކަމަށެވެ.
ޑައިމަންޑް ޖުބިލީ މުބާރާތަކީ، އުރްބާނީ، މިދިޔަ ތިން މަސް ތެރޭ ރާއްޖޭގެ ޓީމެއް ގޮވައިގެން ދިވެހި ފަސްގަނޑުގައި ކުރިމަތިލާ ދެ ވަނަ މުބާރާތެވެ.
މިދިޔަ މާޗް މަހު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ކޯޗަކީ އުރްބާނީ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުގައި ދެ ގޯލުން ކުރީގައި އޮތް ނަމަވެސް ދެ ވަނަ ހާފުގައި ސްރީ ލަންކާ އިން ފަހަތުން އަރައި 3-2 އިން ރާއްޖެ ބަލިކުރި އެވެ. އޭގެ ފަހުން، ރާއްޖެ ވަނީ ބޫޓާނާ ލަނޑެއް ނުޖެހި އަދި ނޭޕާލާ ދެކޮޅަށް 1-1 އިން އެއްވަރުވެ، މޮޅެއް ނުލިބި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އޭގެ ފަހުން، މި ފަހަރުގެ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ ދެ މެޗުން ލަނޑެއް ވެސް ނުޖެހި ބަލިވެފައިވާއިރު، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ގެއްލުނީ ބާކީ މެޗެއް އޮއްވަ އެވެ. ތޭރަ އަހަރު ފަހުން، ރާއްޖޭގެ ކޯޗުކަމަށް އައި، އުރްބާނީ އަށް މިހާތަނަށް މޮޅެއް ލިބުނީ، އޭޝިއަން ކަޕް ކޮލިފައިންގައި މާޗް 31 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެހެންކަމުން، މިރޭ، ބަންގްލަދޭޝް އަތުން ނަތީޖާ ނެރުމުގެ ޕްރެޝަރު އުރްބާނީ އަށް އޮންނާނެ އެވެ. އަމުދުން، ސަރަހައްދުގެ އުމުރުފުރާ ޓީމެއް އަތުން ރާއްޖޭގެ ސީނިއާ ގައުމީ ޓީމު މިހާތަނަށް އަމިއްލަ ގައުމުގައި ކުޅެގެން ބަލިވެފައިނުވާތީ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
އުރްބާނީ ބުނީ ބަންގްލަދޭޝް އިން ފެންނަނީ އޭނަ ބޭނުންވާ ފުޓްބޯޅައިގެ ފިލޯސަފީ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ