އެމެރިކާ އާއި އިރާނުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެމެރިކާ އާއި އިރާނާ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
މި ހަމަލާތައް ފެށުނީ އިރާނުގެ ޑްރޯންތަކަކާއި ރޭޑާ ސައިޓްތަކަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ހަމަލާ ދިނުމާ ގުޅިގެންނެވެ.  ރައްދުގައި އިރާނުން ވަނީ ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އެމެރިކާގެ ހަމަލާތަކަކީ ހޮރްމުޒް ކަނޑުއޮޅިއާ ދިމާލަށް އިރާނުން ފޮނުވާލި ހަތަރު ޑްރޯންއަކާ ގުޅިގެން ދިން ރައްދެކެވެ. މި ޑްރޯންތަކަކީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، އެމެރިކާ ސިފައިން ވަނީ އެ ތަކެތި ވައްޓާލާފައެވެ. ނަމަވެސް އިރާނުން ވަނީ މިއީ ދެ ގައުމުގެ މެދުގައި އޮތް އެއްބަސްވުމާ ހިލާފަށް އެމެރިކާއިން ދިން ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށް  ސިފަކޮށްފަ އެވެ.
އިރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ކުވެއިތުގައި ހުރި އެމެރިކާގެ ދެ ވައިގެ މަރުކަޒަކަށާއި ބަހްރޭންގައި ހުރި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް އިރާނުން ބެލިސްޓިކް މިސައިލް ފޮނުވާލި އެވެ.
ބަހްރޭން އަދި ކުވެއިތުން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، އިރާނުގެ މިސައިލްތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އިރާނުން ފޮނުވާލި ހަތް މިސައިލްގެ ތެރެއިން ހަ މިސައިލް ވައިގެ ތެރޭގައި ގޮއްވާލެވުނު އިރު، އެއް މިސައިލް އަމާޒަށް ވާސިލެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ގަތަރުން ވެސް ވަނީ އިރާނުގެ އަމަލުތައް ކުށްވެރިކޮށްފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭޑާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާއަކީ އިރާނުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ މުއާހަދާތަކާ ހިލާފު އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިނީ ދުޝްމަނުންގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިފަދަ އެތައް ހަމަލާތަކެއްގެ ސަބަބުން ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މި ހަމަލާތައް ބަދަލުކުރެވެމުންދަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައެވެ. އިރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ ތަކުރާރުކޮށް އެމީހުންގެ ޝަރުތުތައް ބަދަލުކުރަމުންނެވެ.
މި ހަމަަނުޖެހުންތަކުގެ ތެރެއިން ވެސް،  ޖޫން މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް އީރާނުގެ ގައުމީ ޓީމަށް އެމެރިކާއިން ވަނީ ވިސާ ދީފައެވެ. މިއީ ހަނގުރާމައެއްގެ ހާލަތުގައި އޮތް ގައުމެއްގެ ޓީމަކަށް، މުބާރާތް ބާއްވާ ގައުމުން މިފަދަ ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.
އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ވަނީ ހަނގުރާމަ ފެތުރިފައެވެ. އީރާނުން ވަނީ މީގެ ރައްދުގައި ގަލްފުގެ ގައުމުތަކަށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެމެރިކާއިން ވަނީ އިރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން މި ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ