ދަންވަރު ކެއުމުގެ ނުރައްކާ

މުޅި ދުވަހުގެ ބުރަ މަސައްކަތަށްފަހު، ރޭގަނޑު ހަމަހިމޭންވެ، އެންމެން ނިދަން އޮށޯންނަ ވަގުތަކީ ބައެއް މީހުންގެ ބަނޑުހައިކަން ހޭލާ ވަގުތެކެވެ. ފިލްމެއް ބަލަން އިންނައިރު ޗިޕްސް ތަޅެއް ހުސްކޮށްލުން ނުވަތަ ދަންވަރު ބަދިގެއަށް ވަދެ ފްރިޖް ހާވާލައިގެން ކާނެ އެއްޗެއް ހޯދުމަކީ މިއަދު އަހަރެމެންގެ ތެރޭގައި ވަރަށް އާންމު "ޓްރެންޑް" އެކެވެ. ނަމަވެސް، މި އާދައިގެ ސަބަބުން ސިއްހަތަށް ހުރި ނުރައްކާތަކާ މެދު ވިސްނާލުން މުހިއްމެވެ. 
ބޭސްވެރިކަމުގެ ހޯދުންތަކުން ދައްކާގޮތުގައި، ރޭގަނޑު ދަންވަރު ނުވަތަ ނިދާ ގަޑިއާ ގާތްކޮށްފައި ކެއުމަކީ ހަށިގަނޑުގެ ހިންގުމުގެ ނިޒާމަށް ދެވޭ ވަރަށް ބޮޑު ލޮޅުމެކެވެ. މީގެ ސަބަބުން ދިމާވާ މައިގަނޑު ބައެއް މައްސަލަތަކަށް ބަލާލަމާ ހިނގާށެވެ.
އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ރޭގަނޑުގެ ވަގުތަކީ ގުނަވަންތަކަށް އަރާމުދީ، ސެލްތައް އާލާކުރާ ވަގުތެއްގެ ގޮތުގައެވެ. ނަމަވެސް، ނިދަން އޮށޯންނަމުން ބަނޑުފުރައި ކެއުމުން، ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް މަޖުބޫރުވަނީ މާބާރަށް މަސައްކަތް ކުރާށެވެ. ސިކުނޑިއާއި ހަށިގަނޑު އަރާމުކުރުމުގެ ބަދަލުގައި، މުޅި ހަކަތަ ހޭދަކުރަނީ ކާނާ ހަޖަމުކުރުމަށެވެ. މީގެ ނަތީޖާއަކީ ފުން ނިންޖަކުން ނުނިދުމާއި، ރޭގަނޑު ދޭތެރެ ދޭތެރެއިން ހޭލެވުމެވެ. އަދި ބައެއް ފަހަރު ބިރުވެރި ނުވަތަ އުނދަގޫ ހުވަފެން ފެނުމަށް މެދުވެރިވަނީވެސް މި ސަބަބާ ހުރެއެވެ.
ކެއުމަށްފަހު ވަގުތުން އެނދަށް އޮށޯތުމަކީ ގޭސްޓްރިކް ނުވަތަ އެސިޑް ރިފްލަކްސް އަށް ކޮށައިދެވޭ މަގެކެވެ. ކޮޅަށް ހުންނައިރު ބަނޑުގައި ހުންނަ އެސިޑްތައް ތިރީގައި ހިފެހެއްޓިފައި ހުރި ނަމަވެސް، އޮށޯތުމުން އެ އެސިޑްތައް ފަސޭހަކަމާއެކު މައްޗަށް ދަތުރުކުރެ އެވެ. މީގެ ސަބަބުން މޭ އެންދުމާއި އެހެން އުނދަގޫތަކާ ހެދި ނިދި ހަރާބުވެ އެވެ. 
ރޭގަނޑު ދަންވަރު އާންމުކޮށް ކެވޭނީ ސިއްހަތަށް ފައިދާހުރި ކާނާއެއް ނޫނެވެ. ގިނައިން ކެެވެނީ ޗިޕްސް، އައިސްކްރީމް، ނުވަތަ ފާސްޓްފުޑް ފަދަ ކެލޮރީސް ގިނަ އެއްޗެއްސެވެ. ރޭގަނޑުގެ ވަގުތަކީ ހަށިގަނޑުގެ މެޓަބޮލިޒަމް (ހަކަތަ އަންދާ މިންވަރު) ވަރަށް ދަށް ވަގުތަކަށް ވުމުން، މި ކާނާއިން ލިބޭ ކެލޮރީތައް ހަކަތައަށް ބަދަލުވުމުގެ ބަދަލުގައި، ހަށިގަނޑުގައި ސަރުބީގެ ގޮތުގައި ރައްކާކުރެވެ އެވެ. މިއީ ބަރުދަން އާދަޔާ ހިލާފަށް އިތުރުވާން ދިމާވާ މައިގަނޑު އެއް ސަބަބެވެ.
ދަންވަރު ކެއުމުގެ ނޭދެވޭ އަސަރު ހަމައެކަނި ބަރުދަނަކުން ނުނިމެއެވެ. މިއީ ހަށިގަނޑުގެ އިންސިއުލިން މަސައްކަތްކުރާ މިންވަރަށް ބަދަލު އާދެ އެވެ. ގަވާއިދުން ދަންވަރު ކާނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެ، "ޓައިޕް 2 ޑައަބެޓީސް" (ހަކުރު ބަލި) ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ އިތުރުން ލޭމަތިވުމާއި ހިތުގެ ބަލިތަކުގެ ނުރައްކާވެސް މިއާދައިގެ ސަބަބުން އިތުރުވެގެންދެއެވެ.
ކުރެވިދާނެ ކަމަކީ ކޮބާ؟
ސިއްހީ މާހިރުން ލަފާދެއްވަނީ ނިދުމުގެ މަދުވެގެން ދޭއް ނުވަތަ ތިން ގަޑިއިރު ކުރިން ރޭގަނޑުގެ ފަހު ކެއުން ނިންމާލުމަށެވެ. ދަންވަރު މާބޮޑަށް ބަނޑުހައިވެގެން ކެތްނުކުރެވޭ ހާލަތްތަކުގައި، ބަރު ކެއުންތަކުގެ ބަދަލުގައި ކިރުތައްޓެއް ފަދަ ލުއި އެއްޗެއް ބޭނުންކުރުން ބުއްދިވެރިއެވެ.
ރޭގަނޑުގެ ހަމަހިމޭން ނިދިި ފުރިހަމައަށް ހޯދުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ދަންވަރު ކެއުމުގެ  ނުރައްކާތެރި އާދައާ ދުރަށް ޖެހިލުން  މުހިންމެވެ. ނޫންނަމަ މާދަމާ އުފުލަންޖެހޭ ތަކުލީފު މާބޮޑުވެދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ