15 އަހަރުގެ ސޫރްޔަވަންޝީ އިންޑިއާ ގައުމީ ޓީމަށް، ސަޗިންގެ ރެކޯޑް މުގުރާލާނެ

މުމްބައި (ޖޫން 7) - މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ސީޒަންގައި، ރާޖަސްތާން ރޯޔަލްސްގައި ތަފާތު ދައްކައި، އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ހޯދި އުމުރުން 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ، އިންޑިއާގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައި، ލެޖެންޑަރީ ކްރިކެޓަރު، ސަޗިން ޓެންޑުލްކަރުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ތަނަވަސްކޮށްފި އެވެ. 
އެ ގޮތުން، 15 އަހަރުގެ ސޫރްޔަވަންޝީ އަކީ މިހާތަނަށް އިންޑިއާގެ ސީނިއާ ސްކޮޑަކުން ފުރުސަތު ހޯދި އެންމެ އުމުރުން ހަގު ކުޅުންެތެރިޔާ އެވެ. އިންޑިއާގެ ސީނިއާ ގައުމީ ޓީމަށް އެންމެ ހަގު އުމުރުގައި މެޗެއް ކުޅުމުގެ ރެކޯޑް އޮތީ 1989 ވަނަ އަހަރު އުމުރުން 16 އަހަރާއި 205 ދުވަސް ތެރޭ، ޕާކިސްތާނާ ދެކޮޅަށް ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) މެޗެއް ކުޅުނު ސަޗިން އަތުގަ އެވެ. 
ކުރިއަށް އޮތް އިންގްލެންޑް އާއި އަޔަލެންޑް ޓުއާގައި، ސޫރްޔަވަންޝީ ވަނީ އިންޑިއާގެ ޓީ20 ޓީމުގެ ސްކޮޑުގައި ހިމެނިފަ އެވެ. އެ ޓުއާގެ މެޗެއް ކުޅުމާ އެކު، ސަޗިންގެ ރެކޯޑަށް ނިމުން އައީ އެވެ. އަދި، އިންޑިއާ ކްރިކެޓްގެ ތާރީހުގައި ހާއްސަ ސަފުހާ އަކުން ސޫރްޔަވަންޝީ ޖާގަ ހޯދީ އެވެ. 
އިންޑިއާ އިން މިދިޔަ އަހަރު 100 ލަނޑުން، އިންގްލެންޑް ބަލިކޮށް،19 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ސޫރްޔަވަންޝީ ތަފާތު ދެއްކި އެވެ. އެ ގޮތުން، ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް 175 ލަނޑު ހަދާފައިވެ އެވެ. 
ސޫރްޔަވަންޝީ، ސީނިއާ ގައުމީ ޓީމުގަައި ހިމެނުނީ، މި ފަހަރުގެ އައިޕީއެލްގައި ތަފާތު ދައްކައި، ރާޖަސްތާން ޕްލޭއޮފާ ހަމައަށް ގެންގޮސްދިނުމުގައި އިސް ރޯލެއް އަދާކުރުމުންނެވެ. އެ ގޮތުން، ސޫރްޔަވަންޝީ ވަނީ، 16 މެޗުން 776 ލަނޑު ހަދައި، އެންމެ ގިނަ ލަނޑު ހަދައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޖުމްލަ އެކު، އިންޑިވިޖުއަލް ފަސް ޓްރޮފީއެއް ހޯދިއިރު، ގިނަ ރެކޯޑްތަކެއް ވެސް ވަނީ މުގުރާލައިފަ އެވެ. އޭގެ ތެެރެއިން އެއް ރެކޯޑަކީ، އެންމެ ގިނަ ފަހަރު ހަޔަކަށް ޖެހުމުގެ ރެކޯޑެވެ. އައިޕީއެލްގައި އެންމެ ގިނަ ފަހަރު ހަޔަކަށް ޖެހުމުގެ ރެކޯޑް ކުރިން އޮތީ ވެސްޓް އިންޑީސްގެ ލެޖެންޑަރީ، ބެޓްސްމަން، ކްރިސް ގޭލް އަތުގަ އެވެ. އޭނާ 59 ފަހަރު ހަޔަަކަށް ޖެހިއިިރު، ސޫރްޔަވަންޝީ ވަނީ މި ސީޒަނުގައި 72 ފަހަރު ހަޔަކަށް ޖަހައިފަ އެެވެ. 
އުމުރުން 15 އަހަރުގެ ކުޅުންތެރިއަކު ކަމަށްވާތީވެ، އިންގްލެންޑާއި އަޔަލެންޑްގެ ޓުއާގައި، ސޫރްޔަވަންޝީގެ މައިންބަފައިން ޓީމުގެ ސްކޮޑުގެ އެކޮމަޑޭޝަން ތެރޭގައި ގެންގުޅެން، އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ