"ދިފާޢީ ޚިދުމަތްތައް ޤައުމީ ޚިދުމަތެއްގެ ގޮތުގައި ސަރުޚާރުން ވަރުގަދަކުރާނެ"

ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައސުލްޖުްމހޫރިއްޔާގެ ވާހަކަފުޅުގައި ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓާ، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދެއްވާ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމުގައި ސިފަކުރެއްވިއެވެ.
ހަމަމިއާއެކު، އެތައް އަހަރެއްވަންދެން މޫލަމުންދިޔަ، ނުރަނގަޅު އެތައް އާދައަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމަސައްކަތްތައް ކުރިއަށް ގެންދަވަނީ އެތައް ގޮންޖެހުމަކާއެކުގައި ކަމަށާ، ނަމަވެސް ހިތްހަމަޖެހިވަޑައިގެން ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަހުރި، ދާއިމީ ބަދަލެއް މުޖުތަމަޢަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާ، ޤައުމީ ލޯތްބާއެކު ކުރައްވާ ކަމަކަށް އެކަންކަން ވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ވިދާޅުވެ، އަމަލީ ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި ފުލުހުންނަށް، ކުލަ ހަވާލުކޮށްދެއްވާ، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ. އަދި ދިގު މުއްދަތެއް ވަންދެން މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވާ، ދިވެހި ޤައުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް "އޮނަރ ގަރޑް"އެއް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރިފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ