ފުލުހުންނަށް މިހާރު ކަނޑައަޅައިފައިވާ ވަރަށްވުރެ އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުލުހުންނަށް މިހާރު ކަނޑައަޅައިފައިވާ ބޯހިޔާވަހިކަމުގެ ފުރުސަތުތަކުގެ އިތުރަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ 93ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ. ސިފައިންނާއި ފުލުހުންނަކީ ކޮންމެ ވަގުތަކު ވެސް ފުރާނަ ގެއްލިދާނެ ފަދަ ގައުމީ މަސައްކަތެއް ކުރާ ބަޔަކަށް ވުމުން، އަސާސީ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެކަމަށް ރިއާޔަތްކުރުން އިންސާފުވެރިކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވީމަ މި ސަރުކާރުގައި އަލަށް މި ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ކަނޑައަޅައިފައި އޮތް ކޯޓާ ނޫނީ ވަކި އަދަދުގެ އިތުރަށް ވެސް ކުރިއަށް އޮތް ތަނުގައި، އަޅުގަނޑު ކުރިން ދުވަހު ސިފައިންގެ ޖަލްސާގައި ދަންނަވާލި ގޮތަށް ތި ބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ، ފުލުހުންނަށް ޚާއްސަ ކުރެވޭ ބޯހިޔާވަހިކަމުގައި، މިލްކުވާ ދާއިމީ ބޯހިޔާވަހިކަން ކަނޑައެޅުމަކީ ސަރުކާރުގެ ސިޔާސަތުކަންރައީސް ޑރ. މުހައްމަދު މުއިއްޒު އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ހިންގާ މިންވަރަކުން، މާލެ ސަރަހައްދުގައި ފުލުހުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު، ކުރިއަށް އޮތް ތަނުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފަހި ފުރުސަތުތައް ހޯދައިދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/221770 ސިފައިންނަށް 134 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ، ސިފައިންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ޒަމާނީ މަޝްރޫއެއް ބަނޑޭރިކޮށި ސަރަހައްދުގައި ކުރިއަށް އޮތް އަށް މަސް ދުވަހުގެތެރޭ ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން އިއުލާންކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުލުހުންނަށް ޚާއްޞަ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. އެ ކެޓަގަރީގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން 100 ފްލެޓް ފުލުހުންނަށް ވަނީ ޚާއްސަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ