ގެގް އޯޑަރުގެ މައްސަލަ ސިއްރުކުރަން ހައިކޯޓުން ނިންމައިފި
އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ސިއްރު ކުރަން ހައިކޯޓުން ނިންމައިފިއެވެ. އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ، ހޯމަ ދުވަހު ހެނދުނު ފަށަން ތާވަލުކޮށްފައިވާއިރު، މި މައްސަލަ ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެއެވެ. މި މައްސަލަ ދަށު ކޯޓުގައިވެސް ކުރިއަށް ދިޔައީ އާއްމުކޮށް ހުޅުވައި ނުލައެވެ. ހައިކޯޓުގައި މި މައްސަލަ ސިއްރުން ކުރިއަށް ގެންދަން ނިންމިއިރު، އާއްމުކޮށް، އާއްމުންގެ މެދުގައި ބޮޑު ޝައުގެއް އުފެދިފައި އޮންނަ ބާވަތްތަކުގެ މައްސަލަތައް ހައިކޯޓުން ކުރިއަށް ގެންދަނީ ލައިވްކޮށެވެ. އެކަމަކު މި ކޭސް ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ. މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ކުރެވޭ ދައުވާތަކާއި، ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި ޝަރީއަތް ސިއްރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ޝަރީއަތެއް އާއްމު ގޮތެއްގައި ސިއްރު ކުރެވޭ ސަބަބުތަކެއް ހުރެއެވެ. އެގޮތުން، މައްސަލައިގެ ބާވަތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ އަޚުލާގީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ހާލަތްތަކުގައި މައްސަލަ ސިއްރު ކުރެއެވެ. އެއީ މިސާލަކަށް ޖިންސީ ކުށުގެ މައްސަލަތައް ފަދަ މައްސަލަތަކެވެ. މީގެ އިތުރުން، އާންމު ނިޒާމު ހިފެހެއްޓުމަށްޓަކައި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ސަބަބުން އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ފެންނަ ހާލަތްތަކުގައިވެސް ޝަރިއަތް ސިއްރު ކުރެއެވެ. އަދި އޭގެ އިތުރުން ގައުމީ ސަލާމަތަށްޓަކައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ނާޒުކު މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައިވެސް ޝަރިއަތްތައް ސިއްރު ކުރެއެވެ. ޚާއްސަ ހާލަތްތަކުގައި އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި، ޝަރީއަތް ހުޅުވާލައިގެން ބޭއްވުމުގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތްތަކުގެ އިތުރުން ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި އާއިލީ މައްސަލަތަކަކީ އާންމުކޮށް ސިއްރުކޮށް ކުރިއަށް ގެންދާ މައްސަލަތަކެކެވެ. ޝަރީއަތް ސިއްރުކުރުމުގެ އިޖުރާއަތް: ޝަރީއަތް ސިއްރުކުރުމަށް އެދި ދައުލަތުން ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކުން ކޯޓުގައި އެދިދާނެއެވެ. އަދި ފަނޑިޔާރު އަމިއްލަ އިސްނެގުމުގައިވެސް ޝަރީއަތް ސިއްރުކުރުމަށް ނިންމިދާނެއެވެ. މީގެ އިތުރުން ޝަރީއަތް އެއްކޮށް ސިއްރުކުރުމުގެ ބަދަލުގައި، ވަކި ބައެއް ނުވަތަ ވަކި ހެކިބަހެއް ނެގުން އެކަނިވެސް ސިއްރު ކުރެވިދާނެއެވެ. ޝަރީއަތް ސިއްރުކުރި ނަމަވެސް، މައްސަލައިގެ ހުކުމް އިއްވަންވާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ. ނަމަވެސް، ހުކުމުގައި ހިމެނޭ ބައެއް މައުލޫމާތުތައް (މިސާލަކަށް އަނިޔާ ލިބުނު މީހާގެ މައުލޫމާތު) ސިއްރުކުރުމުގެ އިޚުތިޔާރު ކޯޓަށް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ