މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުނީ ރ. އަތޮޅާ މ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ. އެ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު 14:00 އާ ހަމައަށެވެ. އަދި އެމުއްދަތުގައި ގުގުރުމާއެކު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މިއަދު ހެނދުނު އެ އިދާރާއިން ހުދު ސަމާލެއް ވެސް ނެރުނެވެ. އެސަމާލު ނެރުނީ ހދ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް އެ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ