ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫނިދޫއަށް ބަދަލުނުކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މިހެން ވިދާޅުވީ ރައީސް މައުމޫނަށް ދޮޅު އަހަރުގެ ޖަލުހުކުމެއް އިއްވުމަށްފަހު އެމަނިކުފާނު މާފުށީ ޖަލަށް ބަދަލުކޮށްފައިވާތީ، ގެއަށް ބަދަލުކޮށް ނުދެވޭނަމަ ދޫނިދޫއަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ނާދިރާ ވިދާޅުވީ ދޫނިދޫއަކީ ބޭއިންސާފުން ހުކުމްކޮށް ތަންފީޒު ކުރުމަށް ބައިތިއްބާ ތަނެއް ކަމަށެވެ. ރައީސް މައުމޫން ދޫނިދޫއަށް ބަދަލުނުކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ދީނީ ނަސޭހަތް ދިނުމަށް ރައީސް މައުމޫނަށް ދީފައިވާ ހުއްދައާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް ބާތިލް ކުރަން އަމުރުކޮށްފައި ވުމުން ނާދިރާ ވިދާޅުވީ ތަންދޮރު ނުދަންނަ އަމިއްލަ އެދުން ބޮޑު މީހުން މީހާވެސް ބާތިލްކޮށްފާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށާއި މިއަދު ފެންނަ ތަރައްގީގެ އަސްލަކީ އެމަނިކުފާނުގެ ވެރިކަމުގައި ހަރުދަނާ ބިންގާތަކެއް އެޅުއްވުމުގެ ނަތީޖާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލުއިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޖެހިގެންއައި ދުވަހު ވަނީ ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސް މައުމޫން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ފަހުން އެމަނިކުފާނު ކުޑަ ދުވަސްކޮޅަކު މީގެކުރިން މާފުށި ޖަލުގައި ބެހެއްޓި ނަމަވެސް ގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ ދޫނިދޫ ޖަލުގައެވެ.
އެމަނިކުފާނު ހުކުމް ތަންފީޒު ކުރުމަށް ގޭބަންދަށް ބަދަލުކޮށްދިނުމަށާއި ގެއަށް ބަދަލުކޮށް ނުދެވޭނެމަ ދޫނިދޫއަށް ބަދަލުކޮށްދިނުމަށް ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ހުކުމް އިއްވުމުގެ ކުރިންވެސް އެމަނިކުފާނު ބަންދުކުރަން އަމުރުކޮށްފައިވަނީ ރިމާންޑް ޖަލެއްގައި ކަމަށާއި ނަމަވެސް ދޫނިދޫގައި ބެހެއްޓީ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ކަމަށެވެ. ސިއްހީ ހާލުކޮޅަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ކުރިން ދިމާވި ކަންތައްތައް މިހާރުވެސް ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވެވަޑައިގެންފާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
ރިޝްވަތު ނަގައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.
ރައީސް މައުމޫން ދޫނިދޫއަށް ބަދަލުނުކުރަން ދެއްކޭނެ ބަހަނާއެއް ނެތް: ނާދިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ