އިއްތިހާދުގައި މައުމޫންގެ ޓީމް ތަމްސީލްކުރާ ހަރަކާތަކީ "މައުމޫން ރީފޯމް މޫވްމަންޓް"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކާއިއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ޓީމް ތަމްސީލްކުރާނެ ހަރަކާތަކީ "މައުމޫން ރީފޯމް މޫވްމަންޓް"ކަމަށް ހަމަޖައްސައިފިއެވެ.
އެގޮތުން ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސް މައުމޫންގެ ޓީމުން ވަނީ އެ ހަރަކާތް ރަމްޒުކޮށްދޭ ދިދައާއި ލޯގޯތައް ބޭނުންކޮށްފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވީ "މައުމޫން ރީފޯމް މޫވްމަންޓް"އަކީ އުފައްދަން ގަސްތުކުރާ ސިޔާސީ ޕާޓީއެއް ނޫންކަމަށާ އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކާއިއެކު މަސައްކަތް ކުރަމުންދާއިރު، ރައީސް މައުމޫންގެ ޓީމް ރަމްޒުކޮށްދޭ ހަރަކާތްކަމަށެވެ. ރައީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހިންގުން ކޯޓް މެދުވެރިކޮށް ރައީސް ޔާމީނާއި ހަވާލުކޮށްފައިވީނަމަވެސް ވަރަށް އަވަހަށް ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނާއި ހަވާލުވާނެކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ މައްޗަށް ގަދަވެގެންތިބި ބޭފުޅުންނަށް އެގޮތުގައި ދެމި ތިބެވޭނީ ދެން ވަރަށް މަދު ދުވަސްކޮޅުކަމަށްވެސް ރައީސް މައުމޫންގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
"މައުމޫން ރީފޯމް މޫވްމަންޓް"ގެ ރަމްޒުކޮށްދޭ ދިދާގައި "އެމްއާރުއެމް" ލިޔެފައިވާއިރު، ދިދާގައި ހިމެނިފައިވަނީވެސް ކުރީގެ ރައީސް މައުމޫން އުފެއްދެވި ޕީޕީއެމްގެ ކުލަކަމަށްވާ އަސުރުމާ ނުވަތަ ފިޔާތޮށި ކުލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ