ފުރަތަމަ މެޗުން ހުޅުމާލޭ ސްޕޯޓްސް ސްކޫލް މޮޅުވެއްޖެ

އިންޑިއާގެ ކޮއިމްބަތޫރުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި 2017ގެ ފުރަތަމަ މެޗުން ރާއްޖޭގެ ހުޅުމާލޭ ސްޕޯޓްސް ސްކޫލް މޮޅުވެއްޖެ އެވެ.
ކޮއިމްބަތޫރުގެ ޔޫވާ ބާރަތީ ޕަބްލިކް ސްކޫލުގައި ކުރިއަށްދާ 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ހުޅުމާލޭ ސްޕޯޓްސް ސްކޫލް މޮޅުވީ ރެއަލް ސްޕާޝް އެފްސީ އަތުން 1-0 އިން ނެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތަކު ހުޅުމާލޭ ސްޕޯޓްސް ސްކޫލުން ވާދަކުރާ ފުރަތަމަ ފަހަރު ޢޭޥޭ. މި މުބާރާތުގައި ވާދަކުރުމަށް އިންޑިއާއަށް ފުރުމުގެ ކުރިން ވީސްޕޯޓްސްއަށް މައުލޫމާތު ދެމުން ހުޅުމާލޭ ސްޕޯޓްސް ސްކޫލުގެ ކޯޗު އަހުމަދު ނިމާލް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ސްކޫލަށް ލިބުނީ މުބާރާތް އިންތިޒާމުކުރާ މީހުން އެ ސްކޫލަށް ކުރި ޒިޔާރަތެއްގައި އެ ސްކޫލް ކުދިންގެ ފެންވަރު ބެލުމަށްފަހު ކަމަށެވެ.
އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި 2017 ގައި މިފަހަރު ޖުމްލަ 11 ޓީމު ވާދަކުރޭ،، މި މުބާރާތުގައި ވާދަކުރުމަށްފަހު ޓީމު އެނބުރި ރާއްޖެ އަންނާނީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.
ހުޅުމާލެ ސްޕޯޓްސް ސުކޫލް އުފައްދާފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެސުކޫލްގައި މިހާރުވެސް 160 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީން ހަދަމުންދެއެވެ. އެ ސްކޫލުން ވަނީ މިދިޔަ އަހަރު ދެ ދަރިވަރުން ޕޮލެންޑްގެ ފުޓްބޯޅަ އެކަޑަމީއެއްގައި ތަމްރީނު ހެދުމަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ