މޫސުން ގޯސްވުމުން ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރެއާއި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ދަތުރު ފަތުރުކުރުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފިއެވެ. އީދު ބަންދާދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ފުރައިގެން ގޮސްފައިވާއިރު މިރެއާއި މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު އެނބުރި މާލެއަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިޔުމަށް ކަނޑު މަގުން ދަތުރުކުރަމުންދާނެކަމަށް ބެލެވޭއިރު ފުލުހުން މިއަދު ބުނީ ކަނޑު ދަތުރު ކުރުމުގައި މީހުން ނަފްސާ މުދަލުގެ ރައްކާތެރިކަމަށް އިސްކަންދީގެން ދަތުރު ފަތުރު ކުރުމަށް ސަމާލުވުމަށް މެރިން ޕޮލިސް އިން އިލްތިމާސް ކުރާ ކަމަށެވެ. "މިހާރު ކުރަމުންދާ ވިއްސާރައިގާ ވައިބާރުވެ، ކަނޑު ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ކަނޑުގެ ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމާއެކު ދަތުރުކުރެއްވުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށާއި ދަތުރަށް ފެއްޓެވުމުގެ ކުރިން ދަތުރުގެ މައުލޫމާތު އެންމެ ކައިރި ރަށެއްގެ ހުރި ފުލުހުންގެ މަރުކަޒަކަށް، މެރިން ޕޮލިސް އަށް ނުވަތަ ކޯސްޓް ގާޑަށް މައުލޫމާތު ހިއްސާކުރުމަށްފަހު ފުރުއްވުމަށްވެސް މެރިން ޕޮލިސް އިން އިލްތިމާސްކުރޭ." ފުލުހުން ބުނެއެވެ. ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރުމާއި ފެރީ ދަތުރުކުރުމުގައި މުވާސަލާތީ ކަންކަމަށް އިސްކަން ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. ކުދި އޮޑިފަހަރާއި ޑީންގީ ފަދަ ތަކެތީގައި މަސްވެރިކަމަށް ނުކުންނަވާއިރު އަދި ދަތުރު ދިއުންފަދަ ކަންކަމަށް ރަށްރަށުން ފުރާއިރު ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދައިގެން ދަތުރުކުރުމަށްވެސް މެރިން ޕޮލިސް އިން އިލްތިމާސްކުރެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މާދަމާ ހެނދުނު 10:00 ޖަހަންދެން މޫސުން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އިރު ގުގުރުންވެސް އެކަށީގެންވެއެވެ. އެގޮތުން ރާއްޖޭގެ މެދުތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ