އެންމެ އަވަހަށް މިލިއަން ހަމަވީ މި އަހަރު؛ ރެކޯޑު ހެދީ އިންޑިއާ ފަތުރުވެރިއެއް

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް އިންޑިއާގެ ރައްޔިތަކު މިއަދު އައިސް، ތާރީޚުން ޖާގަ ހޯދައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިގޯ ފްލައިޓް 6އީ 1131އިން އައި ކާޖަލް ސިންހެވެ. އޭނާ ރާއްޖެއައީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަ ކުރަން ކަމަށާއި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ފަތުރުވެރިންގެ އަދަދު އެއް އަހަރު ތެރޭ އެންމެ އަވަހަށް މިލިއަނަކަށް އެރި ފުރަތަމަ ފަހަރެވެ. މީގެ ކުރީ އަހަރުތަކަށް ބަލައިއިރު، 2022 ވަނަ މިލިއަނެއް ހަމަވީ އޮގަސްޓު މަހުގައެވެ. އަދި 2023ގައި އެ އަދަދަށް ފަތުރުވެރިން އައީ ޖުލައި މަހު ކަމަށްވާއިރު މިދިޔަ އަހަރު މިލިއަން ހަމަވީ ޖޫން މަހެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާ: ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެ، އޭނާ ގަހެއް އިންދި -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ އެއް މިލިއަން ފަތުރުވެރިން ހަމަވުމާ ގުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގެ ހަގީގީ ތަޖުރިބާ އިސްތިހާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި މި ނަތީޖާއާ މެދު ފަޚުވެރިވާ ކަމަށެވެ. މީގެ އިތުރުން މިހާ އަވަހަށް ރާއްޖެއަށް މިލިއަން ފަތުރުވެރިން ހަމަވުމަކީ، ބޭރުގައި ރާއްޖޭގެ މަގުބޫލުކަން ދައްކުވައިދޭ ކަމެއް ކަމަށާއި މި ކާމިޔާބީއަށް މަގުފަހިވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ސަބަބުންކަން ތާރިގް ފާހަގަކުރެއްވިއެވެ. އަދި އޭނާ ވަނީ އެެ އެންމެންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ. އެ ރަސްމިއްޔާތުގެ ތެރެއިން، ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ ގަހެއް އިންދުމަށް ދައުވަތު ދީފައެވެ. އެއީ މި ދައުރުގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި މަޝްރޫއުގެ ދަށުން ގަހެއް އިންދުމަށެވެ. އެ ދައުވަތު ގަބޫލުކޮށް ކާޖަލް ވަނީ ހުޅުލޭގައި ގަހެއް އިންދައިފައެވެ. ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. ސަރުކާރާއި އެމްއެމްޕީއާރުސީން ވެސް ވަނީ އެ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ