ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައިވެރިވާ، ސަރުކާރުގެ އިވެންޓަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓު ބޭނުންވާތީ ފިރިހެން ވޮލީބޯލް ސީޒަން ފަސްކުރަން ޖެހިއްޖެ އެވެ.
އެންމެ ފުރަތަމަ ފިރިހެން ވޮލީބޯޅަ ސީޒަން ފަށަން ތާވަލުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެކަމަކު، ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބައިނަލްއަގުވާމީ މުބާރާތެއް ކުރިއަށް ގެންދަން އިންޑޯ ކޯޓު ބޭނުންވާތީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ފިރިހެން ވޮލީބޯޅަ ސީޒަނުގެ މުބާރާތްތައް، މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
އޭގެ ފަހުން، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ބާއްވާ ހަފްލާއަކަށް އިންޑޯ ކޯޓު ބޭނުންވާތީ ވޮލީ ސީޒަން ފަސްކުރަން އެދިފަ އެވެ.
"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުން އެ ހަފްލާއަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވާ ހަފްލާއެކެވެ. އެހެންކަމަށް ވުމާ އެކު، މިހާރު ފިރިހެން ވޮލީބޯޅަ ސީޒަން މި މަހުގެ 24 އަށް ވަނީ ފަސްކޮށްފަ އެވެ.
އަދަދު އާ ވާހަކަ ދައްކަމުން ކްލަބެއްގެ އޮފިޝަލަކު ބުނީ، މުބާރާތްތަކަށް ކޮންމެ ކްލަބަކުން ވެސް ނުކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އަދި، ރާއްޖޭން ބޭރު ކުޅުންތެރިން ގެނެސްގެނ ް ކްލަބްތަކުން ބޮޑު ހަރަދެއް މުބާރާތްތަކަށް ކުރާ ކަމަށެވެ. އަދި، މުބާރާތްތައް ފަސްކޮށް ހެދުމުން އޭގެ ގެއްލުން ކްލަބްތަކަށް ވަރަށް ބޮޑަށް ކުރާކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.
"އަހަރެމެން ކޮންމެ ފަހަރަކުވެސް މި ނުކުންނަނީ ވަރަށް ބޮޑަށް މި އަށް ރެޑީވެގެން. ދުރާލާ ރެޑީ މި ވަނީ. ބޭރު ކުޅުންތެރިން މި ކޮޅަށް ގެނެސްގެން ބޮޑު ހަރަދެއް އެބަ ކުރަން. މިހެން ސަރުކާރުގެ އިވެންޓްތަކަށް އިންޑޯ ދޭން ޖެހި މުބާރާތް ލަސްވާއިރު، އަހަރެމެން އަށް އޭގެ ބޮޑު ގެއްލުމެއް އެބަ ލިބޭ" އޮފިޝަލް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ވީއޭއެމް އިން މުބާރާތް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ ސާކިއުލާއެއް ކުރިން ނެރުނު ކަމަށެވެ. އެކަމަކު މިހާރު ދޭން ބޭނުންވާ ޔަގީންކަމަކީ ސީޒަނުގެ ހުރިހާ މުބާރާތެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި، މި މަހުގެ 24 ގައި ފަށާ ވޮލީ ސީޒަން އަންނަ މަހުގެ 13 ގައި މިހާރު ތާވަލު ކުރެވިފައި އޮތް ގޮތައް ކުރިއަށް ދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
"އެންމެ އިންޑޯ އެއް ރާއްޖޭގައި މިހުރީ. މުބާރާތް ބޭއްވޭނީ އެ ލިބޭ ދުވަސްތަކުގައި. ކުރީގަ ޝެޑިއުލް ހަދައިފަ އެހުރީ އެ ލިބޭނެ ދުވަސްތަކަށް. އަހަރެމެންގެ ކޮންޓްރޯލްގަ އޮންނަ ތަނެއް ނޫން އިންޑޯ އަކީ. ކްލަބްތަކަށް ދޭނެ ޔަގީން ކަމަކީ އެއްވެސް މުބާރާތެއް ވީއޭއެމް ކެންސަލް ނުކުރާނަން." ލަތީފް ވިދާޅުވި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މުބާރާތްތަކުގެ ތާރީހުތަކަށް ބަދަލުގެންނަން ޖެހުމާއި ގުޅިގެން މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ދިމާވެދާނެ ދަތިތައް، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި، މީގެ ކުރިން ވެސް ސްޕޯޓްސް މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާ ދުވަސްތަކުގެ ތެރެއިން ޖުލައި 22 އާއި 23 ވެސް ވޮލީ އެސޯސިއޭޝަނަށް ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓު ސަރުކާރުގެ އިވެންޓްތަކަށް ބޭނުންކުރާ މައްސަލަ ކުރިންވެސް ބޮޑުވި އެވެ. އަދި އެތަން ބޭނުންކުރާއެސޯސިއޭޝަންތަކުންނާ ކުޅުންތެރިން ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އިވެންޓްތައް އެތަނުގައި ނުބޭއްވުމަށް އެދިފަ އެވެ.
ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓަކީ ރާއްޖޭގައި އިންޑޯ ކުޅިވަރު ކުޅެން ބިނާކޮށްފައިވާ ހަމައެކަނި ކޯޓެވެ.
ސަރުކާރުގެ އިވެންޓަކާ ގުޅިގެން ފިރިހެން ވޮލީ ސީޒަން ފަސްކޮށްފި ސަރުކާރުގެ އިވެންޓަކާ ގުޅިގެން ފިރިހެން ވޮލީ ސީޒަން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ