ރޮނާލްޑޯ ފީފާ ކްލަބް ވޯލްޑް ކަޕްގައި ނުުކުޅޭނެ ރޮނާލްޑޯ ފީފާ ކްލަބް ވޯލްޑް ކަޕްގައި ނުުކުޅޭނެ

މިއުނިކް (ޖޫން 7) - މި މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އޭނާ ފެންނާނެ ފުރުސަތެއް ނެތް ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަން އޮތީ ހަމަވެފަ އެވެ އަލް ނަސްރުން އާ ޑީލެއްގެ މަޝްވަރާތައް މިހާރު ކުރަމުން އަންނައިރު، ރޮނާލްޑޯ ވަނީ، އަލް ނަސްރުގެ ޗެޕްޓަރު ކެރިއަރުގައި ނިމުނު ކަމަށް ދޭހަވާ ސޯޝަލް މީޑިއާ ޕޯސްޓެއް ޖަހައިފަ އެވެ.
އެ ކަންތައްތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ ތަރި، އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު" ގައި ވާހަކަ ދައްކަވަމުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ، ރޮނާލްޑޯ، ކްލަބް ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި، ރޮނާލްޑޯ އަންނަނީ މިހާރު ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
އެކަމަކު، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރޮނާލްޑޯ ބުނީ، މިހާރު ނިންމާފައި އޮތްގޮތުން، އެމެރިކާގައި މި މަހު 14 ވަނަ ދުވަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އޭނާ ނުކުޅޭނެ އެވެ.
"ވަރަށް ގިނަ ހުށަހެޅުން ލިބުނީމަ ވެސް އަހަރެން ނިންމައިފިން ގާތްގަނޑަކަށް ކްލަބް ވޯލްޑް ކަޕްގައި ނުކުޅެން. އަހަރެންގެ ފަރާތުން ނިންމައިފިން ނުކުޅެން،" ރޮނާލްޑޯ ބުންޏެވެ.
"ހުރިހާ މުބާރާތެއް ކުޅުމަކީ ވާނެ ކަމެއް ނޫން، އެއީ، ދެން، ކުރަން ޖެހޭ ކަންކަމާއި ކައިރި މުސްތަގުބަލެއްގައި ކުރާ ކަންތަކާއި ދުރު ރާސްތާ ޕްލޭނަށް މަސައްކަތް ކުރުން، އެއީ އަހަރެން ވިސްނާ ގޮތް، އެ ކަންކަމަށް ބަލައި، އަހަރެން ނިންމައިފިން (ކްލަބް ވޯލްޑް ކަޕް ނުުކުޅެން)،"
ރޮނާލްޑޯ އަށް އަލް އިއްތިހާދުގެ އޮފާއެއް ނެތް ކަމުގައި ވިޔަސް، އޭނާ ގެންދަން، އަލް ހިލާލުން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ޓީމެއް ކަމަށްވާ ބޮޓަފޯގޯ އިން ރޮނާލްޑޯ ގެންދަން ވާހަކަ ދައްކާ ކަމަށް ރިޕޯޓްތައް ބުނާއިރު، ކްލަބް ވޯލްޑް ކަޕްގައި ކުޅޭ، މޮރޮކޯގެ ކްލަބެއް ކަމަށްވާ ވައިދާދް އޭސީން ވެސް ރޮނާލްޑޯ އަށް ހުށަހެޅުމެއް އެބައޮތެވެ.
އަލް ނަސްރުގެ ސްޕޯޓިން ޑިރެކްޓަރު، ފެނާންޑޯ ހިއޭރޯ ބުނީ، އަލް ނަސްރުން ވެސް ރޮނާލްޑޯގެ ކޮންޓްރެކްޓް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި، ރޮނާލްޑޯ އަލް ނަސްރަށް ގެނައީ ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން ކަމަށާއި އޭގެއިން ހާސިލްކުރަން ބޭނުންވާ ކަންކަން އަދިވެސް އެބަހުރި ކަމަށް ހިއޭރޯ ވަނީ ބުނެފަ އެެވެ.
މިދިޔަ ސީޒަނުގައި ވެސް ރޮނާލްޑޯ ވަނީ، އަލް ނަސްރަށް ކުޅެދިން 41 މެޗުން 35 ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ