ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ގައުފް ހޯދައިފި
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ގައުފް ހޯދާފައިވަނީ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ފައިނަލްގައި ބައްދަލުކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިވަގުތު އަންހެން ޓެނިހުގެ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކަމުންދާ މިކުޅުންތެރިން ވެސް މިމެޗަށް ކުރިމަތިލީ ފްރެންޗް އޯޕަން ނުވަތަ ރޯލަން ގެރޯސްގެ އަންހެން ސިންގަލްސް އިވެންޓްގެ ތަށި ކަމަށްވާ ކޫޕް ސުޒާން ލެންގްލެން ކާމިޔާބު ކުރުމަށެވެ. މި މަސައްކަތް މިފަހަރު ކާމިޔާބުވީ ގައުފްއަށެވެ. ވާދަވެރި ކުޅުމެއް ދެކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ފަހެއް ހަތަކުން ކާމިޔާބު ކޮށްފައި ވަނީ ސަބަލެންކާއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގެ ފުރަތަމަ ގޭމްގައި ސަބަލެންކާގެ ސާވް ބްރޭކްކޮށް ލީޑު ނެގިގޮތަށް ގައުފް ފަހަތަށް އެނބުރި ބަލާފައެއް ނުވެއެވެ. މިގޮތުން ދެވަނަ ސެޓު ގައުފް ވަނީ ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ތިންވަނަ ސެޓުވީ ދެކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކުމުގެ އިތުރުން ދެކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ވެސް ހެދުނު ސެޓަކަށެވެ. މިގޮތުން ސަބަލެންކާ ވަރަށް ފޯރިއާއެކު ތިންވަނަ ސެޓު ފެށި ނަމަވެސް ގައުފް ވަނީ މާގިނަ އިރެއް ނުވެ ތިނެއް އެކެއްގެ ލީޑެއް ނަގާފައެވެ. މިސެޓުގައި ދެން ފެނުނީ ސަބަލެންކާ ފަހަތުން އަރާ ތިނެއް ތިނަކުން އަރާ ހަމަކުރި ތަނެވެ. ނަމަވެސް ގައުފްވަނީ ޖެހިގެން އައި ގެމްގައި ސަބަލެންކާގެ ސާވް އަނެއްކާވެސް ބްރޭކްކޮށް ސެޓުގެ ލީޑު ނަގައިފައެވެ. ނަތީޖާ އަކަށްވީ ހައެއް ހަތަރަކުން ތިންވަނަ ސެޓު ކާމިޔާބު ކޮށް މިފަހަރުގެ ފްރެންޗް އޯޕަން ގައުފް ކާމިޔާބު ކުރުމެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ގައުފް ބުނީ އޭނާއަށް މިމެޗު ކާމިޔާބު ކުރެވޭނެކަމަށް ހީނުކުރާކަމަށެވެ. ނަމަވެސް މިމެޗުގައި އޭނާއަށް ދެއްކުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ