ރައީސް މުއިއްޒު ސައުދީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫސާ ބައްދަލުކުރައްވައިފިއެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީ އަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުހުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނެހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ، ރައީސް މުއިއްޒުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
 
މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒް، ކުޅިވަރާ ބެހޭ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ ބިން ފައިސަލް ބިން އަބްދުލްއަޒީޒް، ދާހިލީ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް އަބްދުލްއަޒީޒް ބިން ސުއޫދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް، ގައުމީ ސަލާމަތާ ބެހޭ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ބަންދަރު ބިން އަބްދުލްއަޒީޒް، ދިފާއީ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަދި ހާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްޙާން ބިން އަބްދުﷲ، ސައުދީ އަރަބިއްޔާގެ ވަލީއަހްދުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައުދީ އަރަބިއްޔާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ