ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހެއްގެ ފައި ބިނދި އިތުރު އަނިޔާތަކެއް
ލ. ގަން ލިންކު ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހެއްގެ ފައި ބިނދި ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިއްޖެއެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ލ. ގަން ލިންކު ރޯޑު އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއްޖެހިގެން މިރޭ 19:03 ހާއިރު ރިޕޯޓުކޮށްފައި ވާކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެތެރޭގައި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނައަތު ފައި ދެ ތަނަކުން ބިނދި ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތައް ވެފައި ވާއިރު، ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެ ވެސް ކަނައަތު ފައި ދެ ތަނަކުން ބިނދިފައި ވެއެވެ. އަދި އޭނާގެ ވެސް ބޯ ފަޅައިގެން ގޮސްފައި ވާއިރު، އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. މި އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުމެއް ވެފައި ވެއެވެ. އަދި ސައިކަލަށް ވެސް ގެއްލުންވެފައި ވާއިރު، ސައިކަލުގެ މަޑި ނެއްޓި މާދުރުގައި އޮންނަތަން ފެނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ