ކްރޮއޭޝިއާއިން ޖިބްރޯލްޓާ ބަލިކޮށް ފެށުން ރަނގަޅުކޮށްފި
މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިން ގްރޫޕް އެލް ގައި ކްރޮއޭޝިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ޖިބްރޯލްޓާ ބަލިކޮށް އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ނޭޝަންސް ލީގުގައި ވާދަކުރަމުން ދިއުމާއެކު މިމެޗުވީ ވާލްޑް ކަޕް ކޮލިފައިންގައި ކްރޮއޭޝިއާ އިން ކުޅުނު ފުރަތަމަ މެޗަށެވެ. ޖިބްރޯލްޓާގައި ކުޅުނު މިމެޗު ކްރޮއޭޝިއާއިން ކާމިޔާބު ކޮށްފައިވަނީ ހަތް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ކްރޮއޭޝިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ. އަދި އޭގެ ދެ މިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެންޓޭ ބުޑިމީރުއެވެ. މިމެޗުގައި ކްރޮއޭޝިއާއިން ކާމިޔާބު ކުރި ތިންވަނަ އަދި ހަތަރު ވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓާއި 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރަންޔޯ އިވާނަވިޗްއެވެ. އަދި 73 ވަނަ މިނެޓްގައި އެޓީމުގެ ފަސް ވަނަ ލަނޑު އިވާން ޕެރިސިޗް ކާމިޔާބު ކޮށްދިން އިރު ފަހު ދެ ލަނޑު މެޗުގެ 77 ވަނަ މިނެޓައި 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަންޑްރޭ ކްރަމަރިޗްއެވެ. މިކާމިޔާބީ އާއެކު ކްރޮއޭޝިއާ އުޅެނީ ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ. އަދި ޖިބްރޯލްޓާ އުޅެނީ ކުޅުނު ތިން މެޗުންވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގެ އެއްވަނައިޣާ އުޅޭ ޗެކް ރިޕަބްލިކް އާއި ދެވަނައިގައި އުޅޭ މޮންޓެނޭގްރޯ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޗެކް ރިޕަބްލިކްއެވެ. މިމެޗުގައި ޗެކްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެޑަމް ހޮޒޭކް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކްއެވެ. މިކާމިޔާބީ އާއެކު ޗެކް ރިޕަބްލިކް އުޅެނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިބިފައިވާ ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި މޮންޓެނޭގްރޯ އުޅެނީ ހަ ޕޮއިންޓާއެކު ދެވަނައިގައެވެ. ވާލްޑް ކަޕް ކޮލިފައިން ގްރޫޕް ޖޭ އަށް ބަލާލާއިރު ގްރޫޕްގެ އެއްވަނައިގާ އުޅޭ ވޭލްސް އާއި ލިހްސްޓަންސްޓައިން ބައްދަލުކުރިމެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވޭލްސް އެވެ. މިމެޗުގައި ވޭލްސްގެ ތިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯ ރޮޑޮން، ހެރީ ވިލްސަން އަދި ކީފާ މޯއެވެ. މިކާމިޔާބީ އާއެކު ވޭލްސް އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓައެކު ގްރޫޕް ޖޭގެ އެއްވަނައިގައެވެ. އަދި ލިހްސްޓަންސްޓައިން އުޅެނީ ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ. މިގްރޫޕްގައި ބެލްޖިއަމް އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. މިމެޗުގެ ލީޑު މެޗުގެ 28 ވަނަ މިނެޓުގައި މެކްސިމް ޑި ކޫޕާ ޖަހައިދިން ލަނޑުން ބެލްޖިއަމް ނެގި ނަމަވެސް ނޯތު މެސެޑޯނިއާއިން ވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެޒްގިއަން އެލިއޮސްކީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިނަތީޖާ އާއެކު ނޯތު މެސެޑޯނިއާ އުޅެނީ ތިން މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ބެލްޖިއަމް އުޅެނީ މިފަހަރުވެ ވާރލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ލިބުނު ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ