ޝަމީމް ޑީޖޭއޭއަށް ހާޒިރުކުރީ ގާޒީ ނަޖީބުގެ ފޮޓޯއެއް ޓްވީޓް ކުރުމުން!

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު ހާޒިރުކުރީ ފޮޓޯއެއް ޓްވީޓް ކުރެއްވުމުގެ ތުހުމަތުގައި ކަމަށް ޝަމީމު ވިދާޅުވެއްޖެ އެވެ.
ޑީޖޭއޭއަށް މިއަދު ބަޔާނެއް ދެއްވުމަށްފަހު ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ އޭނާއާ ސުވާލުކުރީ މިމަހުގެ އެއްވަނަ ދުވަހު އޭނާގެ ޓްވިޓާ އެކައުންޓުން ފޮޓޯއެއް ޓްވީޓް ކޮށްފައިވާތީ އެ ޓްވީޓާ ގުޅިގެން ކަމަށެވެ.
ޝަމީމް މިމަހުގެ އެއްވަނަ ދުވަހު ޓްވީޓް ކުރެއްވި ފޮޓޯ އިން ފެންނަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މޯލްޑިވިއަންގެ ފްލައިޓެއްގައި ނިދިޖެހިފައި އިންނަވާ މަންޒަރެވެ. މިފޮޓޯ ވަނީ ފަހުން ފޮހެލާފަ އެވެ.
ޝަމީމް މިއަދު ވިދާޅުވީ އޭނާއަކީ ފެތުމާއި ކަސްރަތު ޕްރޮމޯޓްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ބޭފުޅަކަށްވާތީވެ އޭނާގެ ޓްވިޓާ އެކައުންޓުން ކުރާ ފެތުމާއި ކަސްރަތާ ގުޅޭ ޓްވީޓްތަކަކީ އޭނާ ކުރައްވާ ޓްވީޓްތަކެއް ކަމަށެވެ. ޝަމީމުގެ ޓްވިޓާ އެކައުންޓް ބޭނުންކުރުމުގެ ހުއްދަ އޭނާގެ އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް އޮންނާނެ ކަން ފާހަގަކުރައްވަމުން ޝަމީމު ވިދާޅުވީ ބައެއް މުވައްޒަފުން އެ އެކައުންޓް ބޭނުންކޮށްގެން ކުރާ ބައެއް ޓްވީޓްތައް އޭނާއަށް ކަމުނުދާ ނަމަ ފޮހެލާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ފާހަގަކުރާ ފޮޓޯ ވެސް އޭނާއަށް ކަމުނުދާތީ ފޮހެލާފައިވާނެ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަކީ ފެތުމާއި ކަސްރަތު މާބޮޑަށް ކުރާ ހިތްވާ މީހަކަށް ވެފައި އެކަމަށް މީހުން ހޭލުންތެރިކުރުމަށް އަޅުގަނޑު ޓްވިޓާ ބޭނުންކުރަނީ. އެނޫން ކަމެއްގައި އާންމުކޮށް ޓްވީޓްކޮށް ނުހަދަން،" ޝަމީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ