އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލައިފި

ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލައިފިއެވެ. މިއަދު އެލްޖީއޭއިން ކުރި އިއުލާނެއްގައިވަނީ އައު ދައުރުގެ ސިޓީ ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން ރައީސާއަކު އެ އިދާރާގެ ބޯޑަށް އިންތިޚާބުކުރުން އަންނަ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެހެންކަމުން އެ އިންތިޚާބަށް ކުރިމަތިލުމަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖަހަންދެން އެލްޖީއޭއިން ވަނީ އެ ފުރުސަތު ހުޅުވައިލައިފައެވެ. އެލްޖީއޭއިން ވަނީ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެ އިދާރާގެ އީމެއިލަށް ފޯމާއި ކަމާގުޅުންހުރި ލިޔުންތައް ފޮނުވުމަށް އެދިފައެވެ. ނުވަތަ އެ އިދާރާގެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ. މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެއެވެ. އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ވެސް ހިމެނެން ޖެހޭނެއެވެ. އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯއެކެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެއެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ