ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް މިސަރުކާރުން ހުހްޓުވާފައިނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރުވަނީ އިދިކޮޅުން މިސަރުކާރެކޭ ކުރީ ސަރުކާރެކޭ ކިޔާނެކަމެއްނެތްކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. މިގޮތުން ކުރީ ސަރުކާރު ވިޔަސް އެއްވެސް ސަރުކާރަކުން ފެށި އެއްވެސް ޕްރޮޖެކްޓެއް މިސަރުކާރަކުން ނުހުއްޓުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
”މިސަރުކާރެކޭ ކުރީ ސަރުކާރެކޭ ކިޔާނެ ކަމެއްނެތް، އެއްވެސް ސަރުކާރަކުން ފެށި އެއްވެސް ޕްރޮޖެކްޓެއް މިސަރުކާރަކުން ނުހުއްޓުވާނެ.“ އިބްރާހިމް ހުސެއިން
މެމްބަރު ވަނީ، ވަކިވަކި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ މިސަރުކާރުން އޭގެއިން އެއްވެސް މަޝްރޫއެއް ހުއްޓުވާފައިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ގޯތިވެސް ދޫކުރީ ކަނޑުފަޅުންކަމަށް ވިދާޅުވެ މެމްބަރުވަނީ އެފަޅުތައްވެސް ހިއްކީ މިސަރުކާރުންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 3 ވެސް ހިއްކާ ނިންމީ މިސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގައި ކުރީ ސަރުކާރުން ފެށި މަޝްރޫތައްވެސް މިސަރުކާރުން ނިންމަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. މިގޮތުން ފުވައްމުލަކު ސިޓީގައި ކުރީ ސަރުކާރުން ބިންގާއެޅުނު އިސްލާމިކް ސެންޓަރުވެސް މިސަރުކާރުން ނިންމާ ހުޅުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ނިމިދިޔަ ސަރުކާރުގައި އިބްރާހިމް މުހައްމަދު ސޯލިހު ފެށި އެއްވެސް ޕްރޮޖެކްޓެއް މިސަރުކާރުން ހުއްޓުވާފައެއް ނުވާނެ. ފުވައްމުލަކު ސިޓީގައިވެސް ފިށި ހުރިހާ ޕްރޮޖެކްޓެއް ހަމަ އެދަނީ ނިންމަމުން ، އިސްލާމިކް ސެންޓަރު ވަރަށް ފަހުން ހުޅުވިގެން އެދިޔައީ، އެއީ ހަމަ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓެއް، އެކަމަކު މިސަރުކާރުން އެއޮތީ ނިންމާފަ ނޫންތޯ؟ އެވެސް ހުޅުވާފަ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތައް އޭގެ ފައިދާއާއި ލާބަ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެއޮތީ އެކަންވެސް ކުރައްވާފަ ދެއްތޯ؟“ އިބްރާހިމް ހުސެއިން
މީގެ އިތުރުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކު ދާއިރާގައިވެސް މަޝްރޫތަކެއް މިސަރުކާރުން ނިންމަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ކުރިއަށްއޮތް ދެތިން މަސްދުވަސް ތެރޭގައި މިސްކިތް ނިންމާ ހުޅުވިގެންދާނެކަމަށް މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވިއެވެ. ހަމަ މިއާއިއެކު ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމަސަލަކަމުގައިވާ އިންޖީނުގޭގެ މައްސަލަވެސް ވަރަށް އަވަހަށް ހައްލުވެގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގެ އިންޖީނުގޭގެ ޕްރޮޖެކްޓަކީވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެށި މަޝްރޫއެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އެޕޮރޮޖެކްޓް ހިންގުމަށް ނެގި 26 މިލިއަން ރުފިޔާ ވަނީ ދޫކޮށްލެވިފަކަމަށެވެ. އެކަމަކު އެ މަޝްރޫއުގެ މަސައްކަތްވެސް ނިމިފައިނުވާ ކަމަށާއި ޕްރޮޖެކްޓު ހިންގުމަށް ދޫކުރެވުނު ފައިސާ ދޫކުރެވުނީ ކޮން ހައިސިއްޔަތުންކުން ކަމާއިމެދު މެމްބަރުވަނީ ސުވާލު އުފައްދަވާފައެވެ.
މެމްބަރުވަނީ މަޝްރޫއުތައް ހަވާލު ކުރާއިރު އެޑްވާންސްކޮށް ފައިސާގެ ވަކި މިންވަރެއް ދިނަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ވަކި އެއްބަސްވުމަކާއި އުސޫލެއްގެ ތެރެއިންކަމަށޤ ވިދާޅުވެ މަސައްކަތް ނުނިމެނީސް ފައިސާ ހަވާލު ކުރުމަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ.
”ޕްރޮޖެކްޓް ފެށީ ހުރިހާ ފައިސާއެއް ދޫކޮށްލީ ، ޕްރޮޖެކްޓްގެ ދެބައިކުޅާއެއްބައި އޮތީ ނުނިންމަ ،މަޝްރޫއު ނުނިމެނިސް މަޝްރޫއަށް ކަނޑައެޅުނު ފައިސާވަނީ ދޫކޮށްފަ. މިއީ ހަޤީގަތުގައި ކޮރަޕްޝަން ދެއްތޯ؟
މިއަހަރުގެ ތެރޭގައި ފުވައްމުލަކު އިންޖީނުގޭގެ މަސައްކަތް ފެށި ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން މެމްބަރު ދެއްވިއެވެ. މިގޮތުން މިސަރުކާރުން ވިޔަސް އަދި އެއްވެސް ސަރުކާރަކުންވެސް ފެށި ޕްރޮޖެކްޓެއް މިސަރުކާރުން ނުހުއްޓުވާނެކަމުގެ ފުރިހަމަ ޔަޤީންކަން މެމްބަރުވަނީ ދެއްވާފައެވެ. އަދި މިސަރުކާރުގެ ވައުދަކީ ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކީ އެއީ ރައްޔިތުންނަށް ޑެލިވާ ކޮށްދޭނެކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރުވަނީ މިސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންގެ ހެވާ ލާބައާއި މަންފާއަށް އެއްވެސް ކަމެއް ކޮށްދޭކަށް ޖެހިލުމެއް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
މިސަރުކާރު، ކުރީ ސަރުކާރު ކިޔާނެކަމެއް ނެތް، ރައީސް މުއިއްޒު އެއްވެސް ޕްރޮޖެކްޓެއް ހުއްޓުވާފައި ނުވާނެ: އިބްރާހިމް ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ