މާފަންނު ސްޓޭޑިއަމް ބިމުގެ މައްސަލަ: އޮއްޕޮގެ ކުންފުނިން ހާޒިރުނުވެގެން އަޑުއެހުން ކެންސަލް

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތެއް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުން ހުއްޓުވަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް، އެކަމަށް ދައުވާކުރާ ކުންފުނި ކަމަށްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް އިން ހާޒިރުނުވުމުން އަޑުއެހުން ކެންސަލް ކުރަން ޖެހިއްޖެ އެވެ. 
ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އެފްއޭއެމް އާއި އެ ކުންފުނި ކޯޓަށް ހާޒިރުވާން އަންގާފައިވީ ނަމަވެސް، އެ ކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. 
އެހެންވެ، މައްސަލަ ހުށަހެޅި ފަރާތް ހާޒިރުނުވާތީ އަޑުއެހުން ކެންސަލްކުރި އެވެ. އަދި އެ ކުންފުނިން މިއަދު ކޯޓަށް ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވާއިރު، އެފްއޭއެމްގެ އެންގުމަށް އަމަލުކުރުން ހުއްޓުވަން އެ އިދާރާގެ ޣައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި ދައުވާގައި އެދިފައިވެ އެވެ. 
ފިއުޗާ ހޯމްސް އިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްއާ އެކު 2023 ވަނަ އަހަރު އެ ކުންފުނިން އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އެ ތަނުގައި އިމާރާތެއް ހަދާފައިވާނެ ކަމަށް އެ މައްސަލާގައިވެ އެވެ. 
އެ އިމާރާތް ބޭނުން ކުރަމުން ދަނިކޮށް އެފްއޭއެމްއިން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމާފައިވާތީ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ކަނޑައަޅައިދީ، އަދި އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަން އަމުރުކޮށްދޭން އެ ދައުވާގައި އެދިފައިވެ އެވެ. އަދި ބިމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑަޅައިދޭން ވެސް އެ ދައުވާގައި އެދިފައިވެ އެވެ. 
The most trusted news source in the Maldives
ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވާ ގޮތުން ދަނޑުގެ ބިމުން ބައެއް ދިނުމަށްފަހު އެ ތަނުގައި އިމާރާތެއް ހަދަން އެފްއޭއެމްއިން އެއްބަސްވެފައިވަނީ އެފްއޭއެމްގެ ޓާފު ދަނޑުގެ ދެކުނުގައިވާ ކުނިތައް ނަގާ ސާފު ކުރުމަށާއި ޗޭންޖިން ރޫމެއް ހެދުމުގެ މުގާބިލުގަ އެވެ. އަދި އެ ކުންފުންޏަށް ސްޓޭޑިއަމުން 2،700 އަކަފޫޓު ބިމެއް އެފްއޭއެމްއިން ދީފައިވަނީ 25 އަހަރަށެވެ. 
އެ ބިން އެއްވެސް ކުއްޔަކާ ނުލައި ކުންފުންޏަށް ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލުގެ ގޮތުންނެވެ. އަދި އެ ދައުވާގައިވާ ގޮތުން އެ މަސައްކަތް އެ ކުންފުނިން ފުރިހަމަކޮށްފައި ވާއިރު އެކަމަށް އެތައް މިލިއަން ރުފިޔާއެއް ކުންފުނިން ހަރަދުކޮށްފައިވެ އެވެ.
ފިއުޗާ ހޯމްސް ކުންފުނިން ވަނީ އެފްއޭއެމްގެ އެންގުމަށް އަމަލު ކުރުން ފަސްކުރުމަށާއި އެތަން ހުސްކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދޭން ވެސް އެދިފަ އެވެ. އަދި އެ މައްސަލާގައި އެފްއޭއެމުން ކުރިން ބުނެފައިވާ ގޮތުގައި ބިން ހުސްކުރަން އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުން ވެސް ބިން ހުސްކޮށްފައި ނުވާތީ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. 
The most trusted news source in the Maldives
އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އެ ކުންފުނިން ހަދާފައިވާ ނަމަވެސް އިމާރާތް ކުރަން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގާފައި ނުވާ ކަމަށް، އެ ދެ އިދާރާއިން އެފްއޭއެމަށް ލިޔުމުން އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ނަމަވެސް އެފްއޭއެމުން ކުރާ ތުހުމަތުތައް ފިއުޗާ ހޯމްސްއިން ދޮގު ކުރެ އެވެ. އަދި އެ ކުންފުނީގެ އޮފިޝަލަކު ބުނެފައިވަނީ ބިން ހުސްކުރަން ދެކޮޅު ނުހަދާ ކަމަށާއި އެ ބިމަށް ކުންފުނިން ކުރި ހަރަދުތަކާއި އަދި ބިން ނަގައިފިނަމަ ކުރިމަތިވާނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރަން އިއުތިރާޒު ނުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ