އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރ އޭޕީޖޭ ޢަބްދުލް ކަލާމުގެ ހަނދާނުގައި ބެންގަލޫރޫގެ ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ ISRO (އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުޘް މުބާރާތެއް ކަމަށްވާ ސްޕީކް ޔުއަރ މައިންޑް އެންޑް އެކްސްޕްރެސް (ސިމްޕްރެސް) ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިއްޔެ އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި މުނާސަބަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުހިއްމު އިޙްތިފާލަކަށް ގާޑްން ސިޓީ ގްރޫޕް އޮފް އިންސްޓިޓިއުޝަންގެ ޗެއަރމަން ޑޮކްޓަރ ޖޯސެފް ވީ ޖޯޖް ދަޢުވަތު ދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ގާޑްން ސިޓީ ކޮލެޖުން ތަޢުލީމު ޙާޞިލުކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންގެ ތެރޭގައި ދިވެހި ދަރިވަރުން ހިމެނޭތީ އެކަންވެސް ފާހަގަކުރެއްވިއެވެ.
އަދި ޚާއްޞަކޮށް އޭގެތެރެއިން ބައެއް ކުދިންނަކީ އެކޮލެޖުން ކޮންމެ އަހަރަކުވެސް މައުމޫން ފައުންޑޭޝަނަށް ދެއްވަމުން ގެންދަވާ ސްކޮލަރޝިޕްތަކެއްގެ ތެރެއިން ތަޢުލީމު ޙާޞިލުކުރާ ކުދިން ކަމަށްވާތީ އެކަމަށްޓަކައިވެސް ގާޑްން ސިޓީ ކޮލެޖުގެ ޗެއަރމަނަށާއި މެނޭޖްމަންޓަށް ރައީސް މައުމޫން ޝުކުރު އަދާކުރެއްވިއެވެ.
އަދި މި މުބާރާތް އިންތިޒާމު ކުރުމުގައި ބައިވެރިވާ އިންޑިއާގެ ސްޕޭސް އެޖެންސީ އިސްރޯއިން ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި އެ ޖަމިއްޔާގެ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ގާޑްން ސިޓީ ކޮލެޖުގެ ޗެއަރމަން މި އިޙްތިފާލުގައި ދެއްކެވި ވާހަކަފުޅުގައި ނުހަނު ބުރަ އުފުއްލަވައި ދިގު ދަތުރުފުޅެއް ކުރެއްވުމަށްފަހު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންނެވި ކަމަށްޓަކައި ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ރައީސް މައުމޫންގެ ޒަޢާމަތުގައި ރަޙްމަތްތެރި ޤައުމުތަކާއި ގުޅުން ބަދަހިކުރެއްވުމަށާއި، ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވުމަށާއި، ސަރަޙައްދީ ދާއިރާގައާއި އަދި ބައިނަލްއަޤްވާމީ ދާއިރާގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ކޮލެޖުން ދިވެހި ކިޔަވާ ކުދިންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ޢަބްދުލްކަލާމުގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތު ރައީސް މައުމޫން އިފްތިތާހުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ