ޖަލުތަކުގައި ކޮވިޑްގެ ބޮޑު ކްލަސްޓާއެއް، 78 ޕޮޒިޓިވް ކޭސް

ގައިދީންނާއި އޮފިސަރުން ހިމެނޭގޮތަށް ޖަލުތަކުން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިއްޖެ އެވެ. ކަރެކްޝަނަލް ސާވިސްއިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މާލޭ ޖަލުން ހަތަރު އޮފިސަރުންނާއި 25 ގައިދީން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކޭސްތަކާ ގުޅިގެން 37 މީހަކު ކަރަންޓީނުގައި ތިބި ކަމަށް ކަރެކްޝަންސް ގެ ހިސާބުތަކުން ދައްކަ އެވެ. މާފުށީ ޖަލުން 31 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކޭސްތަކާ ގުޅިގެން 77 މީހަކު ކަރަންޓީނުގައި ތިބި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އަދި އައްސޭރި ޖަލުން 18 އޮފިސަރަކު ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ. މާލެ ސަރަހައްދުން އެކަނި މިއަދު ވަނީ 440 މީހަކު ޕޮޒިޓިވްވެފަ އެވެ. މިއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މުޅި ރާއްޖެއިން 601 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު އުޅެނީ 31،931 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ