ފުރަތަމަ ޓްވީޓަށް 20 އަހަރު: މިހާރު އެކްސްގެ ހާލަތަކީ ކޮބާ؟

މީގެ 20 އަހަރު ކުރިން، ސޯޝަލް މީޑިއާގެ ދުނިޔެ ބަދަލުކޮށްލި ފުރަތަމަ 'ޓްވީޓް'އާ އެކު ފެށުނު ދަތުރު މިއަދު އޮތީ މުޅިން ތަފާތު މިސްރާބެއްގައެވެ. އޭރުގެ ޓްވިޓާ، ނުވަތަ މިހާރުގެ 'އެކްސް' އަށް އައި ބޮޑެތި ބަދަލުތަކާއި، ޚާއްޞަކޮށް އީލޮން މަސްކް އެ ކުންފުންޏާ ހަވާލުވި ފަހުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ޕްލެޓްފޯމުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޖެކް ޑޯސީ ޓްވިޓާ ތައާރަފުކޮށްފައިވަނީ، މާރިޗު 21، 2006 ގައި ކުރި "ޖަސްޓް ސެޓިން އަޕް މައި ޓްވިޓާ" މެސެޖާއެކުގައެވެ. އެއީ ޑޯސީ، އިވާން ވިލިއަމްސް، ބިޒް ސްޓޯން އަދި ނޯއާ ގްލާސް ގުޅިގެން އުފެއްދި ކުރު މެސެޖު ފޮނުވާ ޕްލެޓްފޯމެއްގެ ގޮތުގައެވެ. ފުރަތަމަ 140 އަކުރުގެ ލިމިޓަކާއެކު ތައާރަފުކުރި މި އެޕްލިކޭޝަން، މާ ގިނަ ދުވަހެއް ނުވެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ސޯޝަލް މީޑިއާ ނެޓްވޯކަށް ބަދަލުވިއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޓްވިޓާ ވެފައިވަނީ ވަގުތުން ވަގުތަށް ޚަބަރުތައް ފެތުރުމަށާއި، ސިޔާސީ ބޮޑެތި ބަހުސްތަކަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި ބޮޑެތި އިޖުތިމާއީ ހަރަކާތްތަކުގެ މައި މައިދާނަށެވެ. ނަމަވެސް، 2022 ވަނަ އަހަރު މަހުޖަނު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް މި ކުންފުނި ގަތުމާއެކު، ޓްވިޓާގެ މިސްރާބު ވަރަށް ބޮޑަށް ބަދަލުވިއެވެ. ކުންފުނީގެ ނަން 'އެކްސް' އަށް ބަދަލުކޮށް، ހިންގުމުގެ ނިޒާމަށާއި އުސޫލުތަކަށް މަސްކް ގެނައި ބޮޑެތި ބަދަލުތަކަކީ މިހާރު އެ ޕްލެޓްފޯމަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ވާދަވެރިކަމުގެ މައިގަނޑު ސަބަބުކަމުގައި ވަނީ ވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކު 'އެކްސް' ދޫކޮށް 'ތްރެޑްސް' އާއި 'ބްލޫސްކައި' ފަދަ ވާދަވެރި ޕްލެޓްފޯމުތަކަށް ހިޖުރަކުރަން ފަށާފައިވާއިރު، މިއީ ސޯޝަލް މީޑިއާގެ ރަސްކަމުގެ ތަޚުތު ބަދަލުވާނެ ފެށުމެއް ކަމަށް ގިނަ ދިރާސާވެރިން މިހާރު ގަބޫލުކުރެއެވެ. ޖެކް ޑޯސީ ކުރި ފުރަތަމަ ޓްވީޓް --- އެ ޕްލެޓްފޯމް ގަނެވިއްކުމުގެ މައްސަލަ އަދިވެސް ކޯޓުގައި ހިނގަމުންދާއިރު، އެކްސް ވަނީ މަސްކްގެ ކުންފުނި "އެކްސްއޭއައި" ގެ ބަޔަކަށް ވެފައެވެ. އަދި އޭގެ ފަހުން އެކްސްއޭއައި ވަނީ "ސްޕޭސްއެކްސް"ގެ ދަށަށް ބަދަލުކުރެވިފައެވެ. މަސްކް ވަނީ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. މީގެ އިތުރުން އެކްސްއޭއައިގެ ޗެޓްބޮޓް "ގްރޮކް" އެކްސް ގައި ހިމެނުމާއެކު އައު މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން، އަމިއްލައަށް "މެކާހިޓްލަރު"ގެ ނަމުން ނަންދީފައިވާ މި ޗެޓްބޮޓް ބޭނުންކޮށްގެން ހަގީގީ އަންހެނުންނާއި ކުޑަކުދިންގެ ޖިންސީ ޑީޕްފޭކްތަކެއް އުފައްދައި އާންމުކޮށްފައިވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. https://sun.mv/173587 ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބަޔަކު އަދިވެސް އެކްސް ބޭނުންކުރި ނަމަވެސް، ބްލޫސްކައި އަދި މެޓާގެ ތްރެޑްސް ފަދަ ޕްލެޓްފޯމްތަކުން އަންނަނީ އެކްސް އާ ވަރުގަދައަށް ވާދަކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން، މޮބައިލްގައި ދުވަހުން ދުވަހަށް ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު ދާދިފަހުން ވަނީ، އެކްސްއަށް ވުރެ އިތުރުވެފައެވެ. ނަމަވެސް ލިޔުމަށް ބިނާކޮށްފައިވާ މިފަދަ ހުރިހާ އެޕްލިކޭޝަންތަކަކީވެސް އިންސްޓަގްރާމް އަދި ޓިކްޓޮކް އާ އަޅާބަލާއިރު ވަރަށް ކުދި ޕްލެޓްފޯމްތަކެކެވެ. ޑޯސީގެ ފަހުގެ ހަރަކާތްތަކަށް ބަލާއިރު، އޭނާ ވަނީ އޭނާގެ ފުރަތަމަ ޓްވީޓް އެންއެފްޓީއެއްގެ ގޮތުގައި 2.9 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. އެހެންނަމަވެސް އޭގެ އަގު މިހާރު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، އެ ގަތް ފަރާތަށް އެ އަލުން ނުވިއްކިގެން އުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ