ލުބުނާަނަށް ޙަމަލާދެނީ ރައްޔިތުންނަށް އަދަބު ދިނުމުގެ ރޫޙުގައި!

ލުބުނާނުގެ ބިނާރުތަކަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ކުށްވެރިކުރައްވައިފިއެވެ.
ޔަހޫދީން ދަނީ ދެކުނު ލުބުނާނުގެ ލިޠާނީ ކޯރު ހުރަސްކުރަން ބޭނުންކުރާ ޤާސިމިއްޔަ ބުރިޖު ހިމެނޭހެން އެ ސަރަޙައްދުގެ ބުރިޖުތަކާއި މުހިންމު ބިނާރުތަކަށް ޙަމަލާތައް އަމާޒުކުރަމުންނެވެ. ޙަމަލާތަކާ ގުޅިގެން ޢޫން ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ އެ ޙަމަލާތަކަކީ ލުބުނާނުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި އެ ފަދަ ޢަމަލުތަކަކީ އެއްގަމު މަގުން ސިފައިން އެރުމުގެ ކުރިން ޢާންމުކޮށް ޢަމަލުކުރާ ގޮތެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ޢޫން އިތުރަށް ވިދާޅުވީ ޔަހޫދީންގެ ޢަމަލުތަކުން ދައްކުވައިދެނީ ރޭވުންތެރިކަމާއެކު ބިނާރުތަކާއި މަދަނީ ވަޞީލަތްތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ގަސްތުގައި ޙަމަލާތައް އަމާޒުކުރަމުންދާ ކަން ކަމަށެވެ. އެ ޙަމަލާތައް ދެމުން ދަނީ ރައްޔިތުންނަށް އަދަބު ދިނުމުގެ ރޫޙުގައި ކަމަށް ވެސް ބުނެފައިވެއެވެ. ލިޠާނީ ކޯރު ހުރަސްކުރުމަށް ބޭނުންކުރާ ބުރިޖުތަކަށް ޙަމަލާތައް އަމާޒުކޮށް، ޢާންމުންގެ ދަތުރުފަތުރަށް ބޭނުންކުރާ މައި މަގުތަކަށް ޙަމަލާ ދިނުމަކީ ލިޠާނީ ސަރަޙައްދާއި ލުބުނުނާނުގެ އެހެން ސަރަޙައްދު ވަކިކޮށްލައި ލިޠާނީ ސަރަޙައްދު އެކަހެރިކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅޭނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ބެލެވޭ ގޮތުގައި ޔަހޫދީން މަސައްކަތް ކުރަމުން ދަނީ ޔަހޫދީ ސަރަޙައްދީ ރޮނގު ކައިރީގައި ބަފަރު ޒޯނެއް ޤާއިމްކޮށް، ލުބުނާނުގެ ބިމުގެ ސަރަޙައްދުން ބައެއް އަތުލުމަށް ކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މާރިޗު މަހުގެ 2ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގެ 1،029 މީހުން ޝަހީދުވެ، 2،786 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ