ވެރިކަން ހޯދުން ނޫން ސިޔާސަތެއް އެމްޑީޕީން ނުގެންގުޅޭ، ހިދުމަތްކުރުމުގެ ވިސްނުމެއް ނެތް: ނާޒިމް

އިދިކޮޅު އެމްޑީޕީން ވެރިކަން ހޯދުން ނޫން ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އެ ޕާޓީގައި ގައުމަށް ހިދުމަތްކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ވެރިކަން ލިބުނު ދެ ފަހަރުވެސް އެމްޑީޕީން ސަކަރާތް ޖަހަން ޖެހުނު ސަބަބަކީ އެ ޕާޓީގައި ސިޔާސަތެއް އަމާޒެއް ނެތުމުން ކަމަށާއި މީހުން ވެރިކަން ހޯދަނީ ގައުމަށް ހިދުމަތްކުރަން ބޭނުންވާތީ ކަމަށެވެ.
”އެނޫން ނިޔަތެއްގައި ސިޔާސީ މަސައްކަތުގައި އުޅުއްވަންޏާ އަވަހަށް ގެއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް. އެ ހުންނެވެނީ ރަނގަޅު މަގަކު ނޫން. އެއީ އަޅުގަނޑުމެން މިއަދު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ. އެބޭފުޅުން ވެރިކަމާ ހަވާލުވި ކޮންމެ ފަހަރަކު މި ދެންނެވި މަގުން އެކަން ހިނގި ސަބަބަކީ ވެރިކަން ހޯދުން ނޫން އެހެން ކަމެއް އެބޭފުޅުންގެ ސިޔާސަތުގައި ލިޔެވިފައި ނެތީމަ. ދުނިޔޭގެ އިދިކޮޅު ޕާޓީތަކުގައި ތިބެގެން ވެސް ގައުމަށް ހިދުމަތްކުރޭ، އެހެންނަމަވެސް މި ބޭފުޅުންގެ މި ވިސްނުމެއް، މި ފިކުރެއް ނެތް،“ މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ ތެރެއިން ވެންޓިލޭޓަރު ވައްކަމުގެ މައްސަލަ ފާހަގަވި އިރު، މަސްވެރިންނާއި އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކާފައިނުވުމުން އެ މަސައްކަތްކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދައުރުގެ މެދުތެރެއިން އިސްތިއުފާދެއްވުމާއެކު ފެނުނީ ގައުމު އަންދާލި މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކަށް އެންމެ މުހިންމު ކަމަކީ ތަރައްގީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްދާނެ ނިޒާމެއް އޮތުން ކަމަށާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ސިޔާސީ ސަކަރާތް ޖެހުމުގެ ތެރޭގައި ގައުމު ދޫކޮށްލެވޭކަށް ނެތް ކަމަށެވެ. ވުމާއެކު މި ނިޒާމު މިގޮތަށް ކުރިއަށްގެންދިއުމަށްޓަކައި ރައީސް މުއިއްޒު މިއަދު އެކަށައަޅުއްވާފައި ސިޔާސަތުތަކާއެކު އެ މަނިކުފާނު އެކަލަވާލައްވާފައިވާ ޓީމާއެކު ކުރިއަށްގެންދިއުމުގެ ވިސްނުން އެބަ ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދިނުމުގެ ބަދަލުގައި އެމްޑީޕީން މިއަދު ފެނިގެންދަނީ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ދޮގު މައުލޫމާތުތައް ފެތުރުމުގައި ބުރަކޮށް އުޅޭ މަންޒަރު ކަމަށާއި އެނޫން ސިޔާސީ މަސައްކަތެއް އެ ޕާޓީގައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ