ތައްޓެއް ނުލިބި ފަސް އަހަރަކީ އާސެނަލް ކަހަލަ ބޮޑު ކްލަބަކަށް ދިގު މުއްދަތެކެވެ. އެ ހިތްދަތިކަން ފިލުވާލަން މިރޭ ވެމްބްލީގައި ކުޅުނު އިނގިރޭސި ލީގު ކަޕްގެ ފައިނަލް މެޗަކީ ރަނގަޅު ފުރުސަތެއް މެ އެވެ. އެކަމަކު 2-0ގެ ފުރިހަމަަ މޮޅަކާ އެކު މުބާރާތް ކާމިޔާބުކުރީ މެންޗެސްޓަ ސިޓީ އެވެ.
މެންޗެސްޓާއަށް ނިސްބަތްވާ ޒުވާން މިޑްފީލްޑް ކުޅުންތެރިޔާ ނިކޯ އޯރެލީ، ދެވަނަ ހާފުގައި، ބޮލުން ޖަހައި ވައްދާލި ދެ ލަނޑަށް އާސެނަލްއަށް ރައްދެއް ނުދެވުނެވެ. ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށް ހުރެ އާސެނަލްގެ ކޯޗުކަމާ ހަވާލުވެ، މިދިއަ ހަ އަހަރުގެ ތެރޭގައި މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފަ އެވެ. އެކަމަކު އޭނާގެ ކުރީގެ ބޮސްގެ މައްޗަށް މި ފަހަރު މޮޅެއް ނުހޯދުނެވެ.
އާސެނަލްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަންގެ އެފްއޭ ކަޕް ފައިނަލްގައި ސިޓީ ބަލިކޮށް އާސެނަލް 2020ގައި ތަށި އުފުލައިލި ފަހުން އެއްވެސް މުބާރާތެއް އަދި ކާމިޔާބެއް ނުކުރެވެ އެވެ. މި ސީޒަންގައި ހަތަރު މުބާރާތެއްގެ ތަށި ހޯދުމުގެ ފުރުސަތު އާސެނަލްއަށް އެބަ އޮތެވެ. އޭގެ ތެރެއިން ފުރަތަމަ މުބާރާތް އެ ނިމުނީ އެވެ.
ދެން އޮތީ އެފްއޭ ކަޕް އާއި އިނގިރޭސި ޕްރިމިއަ ލީގު އަދި ޗެމްޕިއަންސް ލީގެވެ.
މިރޭގެ މޮޅާ އެކު ގާޑިއޯލާއަކީ ލީގު ކަޕްގެ އެންމެ ކާމިޔާބު ކޯޗެެވެ. މިއީ އޭނާގެ ކޯޗުކަމުގެ ދަށުން ސިޓީން އެ މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އެހެން އެއްވެސް ކޯޗަކަށް އެވަރަށް ލީގު ކަޕް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
މި ފައިނަލަކީ އާސެނަލްއަށް ވަރަށް ބޮޑު ފިލާވަޅަކަށް ވެދާނެ އެވެ. ސިޓީއަށް ވުރެ ނުވަ ޕޮއިންޓް ކުރީގައި، ޕްރިމިއަ ލީގުގެ އެއްވަނާގައި މިވަގުތު އޮތް އާސެނަލްއަށް ސިޓީގެ ދަނޑުގައި ވަރަށް ބޮޑު ވާދައެއް ކުރަން ޖެހެ އެވެ. އަންނަ މަހު 19ގައި އޮންނަ މެޗަކީ ޕްރިމިއަ ލީގު ކާމިޔާބުކުރަން އެންމެ މުހިންމު އެއް މެޗު ކަމަށް މިހާރު ވެސް ބެލެވެ އެވެ.
އާސެނަލްއަށް ތަށީގައި އަތެއް ނުލެވުނު، ސިޓީއަށް ފުރިހަމަ ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ