ކަރަންޓު މައްސަލަ ހައްލުކުރަން ދެ ދުވަސް ނަގާނެ: ޝަރީފް

މާލެއިން ކަރަންޓް ދިއުމަށް ދިމާވި މައްސަލަ މުޅިން ހައްލުކުރުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ރޭ ފަތިހުން މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިއުމަށްފަހު މުޅި މާލެއަށް އަލުން ކަރަންޓުގެ ހިދުމަތް ލިބުނީ މިއަދު ހެނދުނު 10:00 ޖަހަން އުޅެނިކޮށެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މައްސަލަ ޖެހުނު ކޭބަލް ދެނެގަނެވިފައިވާ ކަމަށެވެ. ކޭބަލް ބަދަލުކުރަންޖެހޭތީ ގާކޮށި ކައިރީގައި ހުރި ސަބް ސްޓޭޝަނަކާ ހަމައަށް އިތުރު ކޭބަލެއް އަޅައިގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެ މަސައްކަތް ފެށުމަށްޓަކައި އެކަމުގެ މަޝްވަރާތައް މާލެ ސިޓީ ކައުންސިލާއެކު ކުރަމުން އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޭބަލަށް ގެއްލުން ލިބިފައިވަނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް މިހާތަނަށް ބެލިބެލުމުން ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ ކޭބަލް ބަދަލުކޮށް މައްސަލަ ހައްލުކުރަން ދެ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
"މީގެއިން ކޮންމެވެސް އެއް ކޭބަލަކުން މަސައްކަތް ކުރުމުގެ ތެރޭގައި ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ދުވަސްތަކަކަށްފަހުގައި ބިމަށް އާތުފޯލްޓެއްގެ ގޮތުގައި އެ އައިސްފައި މިއިންނަނީ. އެ އާތު ފޯލްޓުގެ ސަބަބުން އަސްލުގައި ކަރަންޓް އެ ދިޔައީ،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ އިން މިއަދު ހެނދުނު މީޑިއާތަކަށް އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި މާލެއިން ކަރަންޓު ކެނޑުނީ ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ 16 ފީޑަރުގެ ތެރެއިން އަށްވަނަ ފީޑަރުން ސްވިޗް ގިއަރަކަށް ދިމާވި މައްސަލަ އަކާ ގުޅިގެންނެވެ. އެހެންވެ ވަގުތީގޮތުން ހިދުމަތް ދެނީ އެހެން ފީޑަރުތައް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ