"ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރަކަށް އެވޯން ހަމަޖައްސައިފި "ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރަކަށް އެވޯން ހަމަޖައްސައިފި

ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން އަންނަ އޯގަސްޓު 31، ގައި ނެރޭ "ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރަކަށް އެވޯން އާއެކު ސޮއިކޮށްފި އެވެ.
އެވޯން އިން ބުނީ މި ފިލްމު ސްޕޮންސާކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން، އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ސްޕޮންސަރަކަށް ވުމުގެ އިތުރުންން އެވޯންއިން ވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނަ" ފިލްމު އުފެއްދި ޓީމުން ނެރޭ ކަނބުލޮ ފިލްމުގެ ޓިކެޓު އޯގަސްޓް 31، ގެ ނިޔަލަށް ގަންނަ ކޮންމެ މީހަކަށް ކޫޕަނެއް ދޫކުރާއިރު، ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފިލްމު ޕްރިމިއާކުރާ ދުވަހު އެވެ.
ކަނބުލޮ ފިލްމު ސްޕޮންސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 10، ގެ ކުރިން 7458800 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރަން ގުޅުމަށް ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯއިން ވަނީ އެދިފަ އެވެ.
ކަނބުލޮ ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.
ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައަށް ތައްޔާރުކުރާ އެ ފިލްމު ކަނބުލޮގެ ޝޫޓިން ނިންމާ މިހާރު ދަނީ އެޑިޓިންގެ މަސައްކަތްކުރަމުންނެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ