ކަޅު ބާޒާރުގައި ވިއްކަން، ބޭރުން އެކަކު 30 ކާޑުން ޑޮލަރު ނަގައިފައި އެބަހުރި
ރާއްޖޭގެ ކަޅު ބާޒާރުގައި ވިއްކަން، ބޭރު ގައުމުތަކަށް އެންމެ މީހަކު ގޮސް، 30 ކާޑުން ވެސް ޑޮލަރު ނަގައިފައި ހުރިކަން ފާހަގަވެފައިވާ ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ. މި މަހަށް ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށް، އެ ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރެއިން، ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދު ވަނީ 125 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރާ އަދަދު ވަނީ 100 ރުފިޔާއިން، 10 ޑޮލަރަށް ބޮޑުކޮށްފައެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ބޭންކުން ވަނީ އެ ބަދަލު ގެންނަން ޖެހުނީ ޒަރޫރީ ބޭނުންތަކަށް ނަގަން ކަނޑައަޅައިފައިވާ ފައިސާ ޒަރޫރީ ނޫން ބޭނުންތަކަށް ނަގާތީ ކަމަށް ބުނެފައެވެ. https://sun.mv/207974 އެ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ގިނަ މީހުން، ޓިކެޓަށް ދޫކުރާ 500 ޑޮލަރު ނަގާ ކަމަށާއި އެހެންވެ، ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު ބޭންކަށް އެނގޭ ކަމަށެވެ. "ދެން ބައެއް ފަހަރު މިވާގޮތަކީ މަދު ފަރާތްތަކެއް ވިޔަސް ބޭރަށް އެ ވަޑައިގަންނަވާއިރު ވަޑައިގަންނަވަނީ އާއިލާގެ ބޭފުޅުންގެ ވެސް ރަހުމަތްތެރިންގެ ވެސް ޑެބިޓް ކާޑުތައް ހިއްޕަވައިގެން ބައެއް ބޭފުޅުން އެބަހުރި 20 ކާޑު ނުވަތަ 30 ކާޑު، މިއީ ކަނޑައެޅިގެން މަނާ ކަންތައްތައް މި ހުންނަނީ،" އޭނާ ވިދާޅުވިއެވެ. އެފަދަ މީހުން ކާޑުތަކުގެ ލިމިޓަށްވާ ވަރަށް ފައިސާ ނަގައި، އެ ގައުމެއްގައި ޑޮލަރު މާރުކުރާ ތަންތަނުން ޑޮލަރު ނަގައިގެން ރާއްޖެ އަންނަ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. "ރާއްޖެއަށް އައިސް ރާއްޖޭގެ ބްލެކްމާކެޓްގައި ޑޮލަރު ދައުރުކުރުވާ އެބަ، އިތުރަށް ސްޓިމިއުލޭޓް ކުރުވާ އެ މާކެޓް ތެރޭގައި، އެހެންވީމަ އެއީ ޒަރޫރީ ބޭނުންތަކަށް ކަސްޓަމަރުންނަށް ދީފައި ހުންނަ ލިމިޓްތަކެއް ނޭދެވޭ ގޮތުގައި މި ބޭނުންކުރެވެނީ،" އޭނާ ވިދާޅުވިއެވެ. ރާއްޖެއިން ބޭރަށް ދާ މީހުންގެ ރުފިޔާ އެކައުންޓަށް ބޭންކުން ވިއްކާ ޑޮލަރަކީ ޒަރޫރީ ބޭނުމަށް ދޫކުރާ ޑޮލަރު ކަމަށްވާއިރު، ކަޅު ބާޒާރުގައި ވިއްކަން އެ ފައިސާ ނެގުމާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމީކޮށް ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފަހައްޓާފައި ހުންނަ ނަމަވެސް، ޑޮލަރުގެ ވިޔަފާރި އެންމެ ގިނައިން ކުރާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިފަހުން އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ. ބީއެމްއެލުން ވަނީ، ދިވެހީން އެންމެ ގިނައިން އޮންލައިން ވިޔަފާރިކުރާ ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ވެސް މިއަދު ނަގަން ފަށައިފައެވެ. https://sun.mv/208011 ރޭގެ ޕްރޮގްރާމުގައި އެ ބޭންކުން ވަނީ މިދިޔަ އަހަރު އެ ވެބްސައިޓުތަކަށް މަހަކު ހޭދަކުރީ 20 މިލިއަން ޑޮލަރު ނަމަވެސް މިއަހަރު އެ އަދަދު 45 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފައެވެ. އެ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު އެ ބޭންކުން ޚަރަދުކުރާ ކަމަށާއި އޭގެ ތެރެއިން 75 ޕަސެންޓަކީ އޮންލައިން ޕްލެޓްފޯމްތަކަށް ކުރާ ޚަރަދުކަމަށް ބޭންކުން ބުނެފައިވެއެވެ. އެހެންވެ އޮންލައިން ބައެއް ވެބްސައިޓުތަކުން ފީ ނަގަނީ މުޅި މުޖުތަމައުގެ ބޭނުންތަކަށް ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ކަމަށް ބޭންކުން ބުންޏެވެ. އަދި ބޭންކުން އެފަދަ ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އަރައިގެން ދިޔުމުން އިތުރު ޒަރޫރީ ޚިދުމަތްތަކަށް ޑޮލަރު ފޯރުކޮށްދޭން އުނދަގޫވާނެ ކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، މިދިޔަ އޭޕްރީމް މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, މިހާރު ބެލެވޭގޮތުގައި ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ 2027ގައެވެ. އެގޮތުން އެ ހިސާބުގައި ޑޮލަރުގެ އަގު 15.42އަށް ދަށްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ