ޑިމޮކްރަސީ ކުރިއަރުވަން އިބްރާހިމްގެ ވިސްނުމަކީ މެންބަރަަކަށް ދެ ދައުރަށްވުރެ އިތުރަށް ނުދިނުން

ޑިމޮކްރަސީ ކުރިއަރުވަން ކުރުން މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށް ވިދާޅުވެ، މަޖިލިސް މެންބަރަކަށް ޖެހިޖެހިގެން ދެ ދައުރަށްވުރެ ގިނައިން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަަހަޅަން ވިސްނަވާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (އިއްބެ) މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ވިދާޅުވީ މަޖިލިސް މެންބަރުކަމަށް ދެ ދައުރަށްވުރެ ގިނަ ނުވާގޮތަށް އިންތިޚާބުވުމުގެ ފުރުސަތު ލިބޭހެން ޤާނޫނަށް އިސްލާޙެއް ހުށަހަޅަން ބޭނުންވެލައްވާ ކަމަށެވެ. އެހެން ހުށަހަޅަން ވިސްނަވަނީ، ރައީސް ކަމަށް ވެސް ވިދިވިދިގެން ދެ ދައުރު އޮންނަ ގޮތަށް އޮތުމުން ކަމަށް ވިދާޅުވިއެވެ. މި ވިސްނުންފުޅާ ގުޅޭގޮތުން "ސަން"އާ އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، އެއް މެންބަރަކު ދެ ދައުރަށްވުރެ ގިނައިން އިންތިޚާބުވާ ނަމަ އެ މެންބަރެއްގެ ނުފޫޒާއި ބާރު ދާއިރާއަށް ހިނގާ ކަމަށާއި، އެހެންވެ އިތުރު އެހެން މީހަކަށް ވާދަކޮށް ކުރިއަށް ދިއުމަށް ފުރުސަތެއް ނުލިބޭ ކަމަށެވެ. "ޑިމޮކްރަސީއެއްގައި ދެން، ގިނަ ބަޔަކަށް ފުރުސަތު ލިބިގެން ދިއުމަކީ، ވަަރަށް ގިނަ ރައްޔިތުން އެދޭނެ ގޮތެއް ކަމަށް ވިސްނައިފައި އަޅިގަނޑު ހިތަށް އެރީ އެ ޚިޔާލު ފްލޯޓްކޮށްލާނީއޭ،" އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށާއި، ޕާޓީން އެންޑޯސްކުރާ ވިސްނުމެއް ވެސް ނޫން ކަމަށެވެ. އެހެންވެ، މި އިސްލާހު ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ ވިސްނުމަށް ބަލައިފައި ކަމަށާއި މިހާރު ވެސް ރައްޔިތުންގެ ޚިޔާލު ލިބެމުން އަންނައިރު، ގިނަ ރައްޔިތުން މި ކަމާ ދެކޮޅުކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް އަޅުގަނޑުމެން ދާއިރާއިން ބަލަންޏާ، ގިނަ ބަޔަކު ހަމަ ބުނާނެ، އިބްރާހިމް ތީ އަދި ރަނގަޅު ވިސްނުމެއް ނޫނޭ. އެެހެން މީހުން ކިޔަން ފަށައިފިއްޔާ ބަލަންޖެހޭނީ އެއީ ރައްޔިތުންގެ ވިސްނުން ކަމަށް،" މީގެ ކުރިން ވެސް މެންބަރު އިބްރާހިމް މިފަދަ ބައެއް ޚިޔާލުތައް ފާޅުކުރައްވައިފައިވެއެވެ. އެގޮތުން ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނަނިކޮށް އޭނާ ވަނީ ފައިސާގެ ދަހިވެތިކަމުގައި ސްކޭމަށް ވަންނަ މީހުންނަށް ވެސް އަދަބު ދޭން ގޮވައިލައްވައިފައެވެ. މަޖިލީހުގެ ތަޅުމުގައި ހުށަހެޅުއްވި ބައެއް ޚިޔާލުތަކާއި، ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ. މިހާރު ހިނގަމުން އަންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރަށްވުރެ އިތުރަށް، ގޮނޑި ދިފާއުކުރައްވައިގެން މެންބަރުކަމަށް އިންތިޚާބުވެފައި ޖުމްލަ ތިން މެންބަރުން އެބަ ތިއްބެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގައި، ކިތަންމެ ދިގު މުއްދަތަކަށް މެންބަރުކަން ކުރައްވަމުން އައި ނަމަވެސް، ގޮނޑި ދިފާއުކުރައްވަން ވާދަކުރުމުގައި އެއްވެސް ހުރަހެއް މިހާރަކު ނޯވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ