ނިކަމެތިން ގައިގާ އޮބިއަޅައިގެން ނެތްދިޔަ ފެލުވާ ސަރުކާރެއް!

ރަޢްޖޭގެ އާއްމު ފިހާރަތަކުން ލިބޭ ވަރަށް ވުރެ އެތައް ގުނައެއް އަގުހެޔޮކޮށް އޮންލައިން ވިޔަފާރިތަކުން ތަކެތި ގަނެވެން ހުއްޓާ އަގު ބޮޑުކޮށް އެއްޗެއް ގަންނާނީ ކާކު ހެއްޔެވެ. އޮންލައިން ވިޔަފާރިތަކުން ވިޔަފާރިކުރާ އެންމެންނަކީ މުދާ ގެނެސް ބޮޑު އަގުގަ ވިއްކާ ބައެއް ނޫނެވެ. ގިނަ ވާނީ އަމިއްލަ ބޭނުމަށް ހެދުމެއް ބޫޓެއް ދަރިފުޅަށް ކުޅޭ އެއްޗެއް ބަދިގެއަށް ހިފާގެންގުޅޭ އެއްޗެއް ގަންނަ މީހުންނެވެ. ގިނަ ދިވެހިންގެ ދިރިއުޅުމުގެ ހާލަތު މާލޭ ބާޒާރުން ތަކެތި ގަނެ އުޅެވޭ ވަރަށްވުރެ މާދަށެވެ.
ގިނަ މީހުންގެ އަތްމަތިދަތި ނިކަމެތި މިކަހަލަ ދުވަސް ވަރެއްގައި އާއްމު ބޭނުމަށް އަގުހެޔޮކޮށް އެންމެ ގިނައިން ދިވެހީން ތަކެތި ގަނެލާއުޅޭ އޮންލައިނު ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން %30 ގެ ފީއެއް ބީއެމްއެލްއަށް ނެގުމަކީ އަނިޔާއެކެވެ. ޓެކުމެކެވެ. ބްލެކް މޭލެކެވެ. ސްކޭމެކެވެ. 
ބައެއް ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ހަމަހަމަ އުސޫލެއްނެތި ވަކިތަންތާކުން ކުރާ ވިޔަފާރިން ތަފާތު ބޮޑުފީއެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވަކި އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާރޖެއް ކުރުމަކީ ގާނޫނު ދަންނަ ކަމަކަށް ނުވެއެވެ. ވަކި އޮންލައިނު ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން %30 ގެ ފީއެއް ބީއެމްއެލްއަށް ނެގުމަކީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގާ ހިލާފު ކަމެއްކަމަށް ގާނޫނީ ވަކީލުން ބުނެއެވެ. 
ބޭންކް އޮފް މޯލްޑިވްސް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާރޖް ނުކުރާކަމަށް ގާނޫނީ ވަކީލު މުށަ ސިރާޖު ވިދާޅުވެއެވެ. "މިއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމަށްވެސް ނުފެނޭ. މީ މުދަލުން ޑިއުޓީ ނެގުން. މުދަލުން ޑިއުޓީ ނެގޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސް ކޮށްގެން." ކަމަށް މުސާ ސިރާޖު ވިދާޅުވެއެވެ. 
ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވަނީ ވެސް ވަކި އޮންލައިނު ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން %30 ގެ ފީއެއް ބީއެމްއެލްއަށް ނެގުމަކީ ކުރެވިގެން ވާނެކަމެއް ނޫންކަމަށެވެ. އަލީ ހުސައިން ސިފަކުރައްވާ ގޮތުގައި އެއީ ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އެރުމުން ހަދާނެ ގޮތް ހުސްވެގެން ސަރުކާރުން އެޅި ފިޔަވަޅެކެވެ. "ރައްޔިތުންގެ ގައިގަ އޮބިއަޅައިގެން ނެތް ދިޔަ ފެލާއިރު ސަރުކާރުގެ ވެރިން މިހާރުވެސް އެ އުޅުއްވަނީ ބޭރު ދަތުރުތައް ކުރުމުގައި އަވަދިނެތި" ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރ އަލީހުސައިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ