ބޭސް ގެންނަން ދަތިވަނީ އެންމެ ކުންފުންޏަކަށް އެތެރެކުރުމުގެ ހުއްދަ އޮންނާތީ: އެސްޓިއޯ

ބައެއް ބޭސްތައް ލިބުމުގައި ދަތިވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބައެއް ބޭސްތައް ރާއްޖެ އެތެރެކުރުުމުގެ ހުއްދަ އެންމެ ކުންފުންޏަކަށް ދީފައި އޮންނާތީ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަސާސީ ބޭސްތައް ނުލިބޭތީ އާންމު ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ މައްސަލަ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ވަނީ ފަށާފަ އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ އެކަމާ ގުޅިގެން ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ހާޒިރުކޮށް، މައުލުމާތު ސާފު ކުރުމެވެ.
ތަފްސީލު - މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ ފަރާތުން އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، އާންމުކޮށް ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އެސްޓީއޯއަކަށް ނޯވެ އެވެ. ބައެއް ބޭސްތައް ރާއްޖެ އެތެރެކުރަނީ އެންމެ ކުންފުންޏަކުން ބޭރުގެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އެސްޓީއޯ އިން މި ގެންނަނީ [ރާއްޖެއަށް ބޭނުންވާ] ބޭހުގެ ގާތްގަނޑަކަށް %30. ރާއްޖެއަށް ބޭސް އެތެރެކުރުުމުގައި އޮންނަ އުސޫލަކީ، ކޮންމެވެސް އެއް ފަރާތަކުން [އަމިއްލަ ކުންފުންޏަކުން] ބޭހެއް ރަޖިސްޓްރީކޮށްފިއްޔާ އެ ފަރާތަކަށް އެކަނި އެ ބޭސް އެތެރެކުރެވެނީ،" ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯ އިން އެ ބޭސްތައް އެތެރެކުރަން ބަލާއިރު، އެކަމުގައި ދެ މައްސަލައެއް ކުރިމަތިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ. އެއީ:
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ)ގެ އުސޫލުތައް އޮންނަ ގޮތުން ވެސް އެ ބޭހެއް ރާއްޖެއަށް އެތެރެކުރެވެނީ ހަމައެކަނި އެ ރެޖިސްޓްރީ ކުރި ކުންފުންޏަށް؛ އެހެންވެ އެ ބޭސްތައް ރާއްޖެ އެތެެރެކުރުމުގެ ހުއްދަ އެސްޓީއޯއަކަށް ނޯވޭ
ދެވަނަ ކަމަކީ ބޭރު ކުންފުނިން ވެސް އެއްބަސްވުން ހަދާއިރު ހުއްދަ ދެނީ އެންމެ ކުންފުންޏަކަށް އެ ބޭސް އެތެރެކުރަން؛ އިތުރު ކުންފުންޏަކަށް އެ ބޭސް އެތެރެކުރުމުގެ ހުއްދައެއް ނުދޭ
މެންބަރު މުހައްމަދު އިބްރާހިމް ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ލޮލުގެ ފަރުވާއަކަށް ބޭނުންވާ ލުސެންޓިސް ކިޔާ ބޭހެއް ހަމަ އަގުގައި ނުލިބި، 18،900ރ.އަށް ބޭސް ގަންނަން ޖެހޭ ކަމަށް އާންމުންގެ މީހަކު ފޮނުވާފައި އޮތް ޝަކުވާއަކާ ގުޅިގެންނެވެ. ޝިމާދު ވިދާޅުވީ ލުސެންޓިސްގައި ވެސް ދިމާވަނީ އެފަދަ މައްސަލައެއް ކަމަށެވެ.
"ލުސެންޓިސްގެ އިތުރުން ބައިވަރު އެހެން ބޭސްތައް އެބަހުރި ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓާކޮށްފައި، އެޕްރޫވް ޑްރަގު ލިސްޓަށް އަރާފައި. އެ ފަރާތްތަކަށް ތަފާތު ސަބަބުތަކާ ހުރެ އެތެރެ ނުކުރެވުނީމަ ޑޮކްޓަރު އަދި ލިޔެދެއްވިއްޔަސް ފާމަސީތަކުން ނުލިބޭ މައްސަލަ [މި ދިމާވަނީ]،" ޝިމާދު ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ޖެނެރިކްކޮށް ބޭސް ލިޔެގެން އެހެން އޮލްޓަނޭޓިވް ބްރޭންޑްއެއް [އެ ބޭސްތަކަށް] ހޯދަން."
އެ ޖަވާބާ އެކު ސަރުކާރަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ވިދާޅުވީ ޖެހިގެން މިއުޅޭ މައްސަލައަކީ "ސަރުކާރުން ބުނާ އަގަށް ބޭސް ވިއްކަން ބޭސް ފިހާރަތަކުން ބޭސް ވިއްކަން ބޭނުން ނުވެގެން، ގަސްތުގައި ބޭސް ނުގެންނަ މައްސަލަ" ކަމަށެވެ. 
"ތަފާތު ސަބަބޭ [ޝިމާދު] ވިދާޅުނުވެ، ރައްޔިތުންނަށް ސާފުވާ ގޮތަށް މިވާހަކަ ދައްކަވަން މުހިންމު ނޫންތޯ... ކޮބައިތޯ ތި ވިދާޅުވާ ތަފާތު ސަބަބުތަކަކީ،" މުސްތަފާ ވިދާޅުވި އެވެ.
އެއަށް ސީދާ ޖަވާބެއް ޝިމާދު ނުދެއްވައި އަނެއްކާވެސް މިސާލެއް ދެއްވަމުން އޭނާ ވިދާޅުވީ:
ނޮވާޓިސްއަކީ ދުނިޔޭގެ ވަރަށް މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށާއި ނަމަވެސް އެ ކުންފުނިން އުފައްދާ ބޭސްތައް އެތެރެކުރަނީ އެސްޓީއޯއަކުން ނޫން
 ނޮވާޓިސް އާއި ނޮވާޓިސްގެ ބޭހުގެ ކޮލިޓީއަށް ރިއާޔަތްކޮށްފައި ޑޮކްޓަރުން ލިޔުއްވަނީ ނޮވާޓިސްގެ ބޭސް؛ އޭނާ ވެސް ގަބޫލު ކުރައްވަނީ އޭގެ އެންމެ ރަނގަޅު ބޭހަކީ ނޮވާޓިސް ކަމަށް
ނޮވާޓިސް އިން ވެސް އަނެއް ސަޕްލަޔަރާ އެކު އޮންނަ ގުޅުމަށް ބަލާފައި ނުވަތަ އޮންނަ އެއްބަސްވުމަށް ބަލާފައި އެސްޓީއޯއަށް އެ ބޭސް ގެންނާކަށް ހުއްދައެއް ނުދޭ
މި މައްސަލަ ހައްލުވާން ކިހާ ދުވަހެއް ނަގާނެތޯ މެންބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ޝިމާދު ހިމެނޭހެން ކޮމިޓީއަށް ވަޑައިގެންނެވި އެހެން ބޭފުޅުންނަށް ވެސް ތާރީހެއް ދެއްވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ