ކްރިމިނަލް ކޯޓުގެ ބެކްލޮގް ފިލުވުމަށް ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލުކުރަނީ

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށް ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލު ކުރުމަށް ނިންމައިފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ, އެ ކޯޓުން އާންމުކޮށް މައްސަލަތައް ތާވަލުކުރަމުންދާ ވަގުތުގެ އިތުރުން މެންދުރު 2:00 އިން ފެށިގެން ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލު ކުރަން ފަށާއިރު, ތިން މަސް ދުވަހުގެ ނިޔަލަށް އެ ތަވާލާ އެއްގޮތަށް މައްސަލަތައް ކުރިއަށް ގެންދިއުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. ކްރިމިނަލް ކޯޓުގައި ހުރި ވަސީލަތްތަކާއެކު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް 16 އަހަރު ހޭދަވާނެ ކަމަށް ޖުޑިޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެކަން ހައްލު ކުރުމަށް ޖޭއެސްސީން އޭރު ހުށަހެޅުމަށް ނިންމާފައި އޮތީ ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލުކުރާ ވަގުތު އިތުރު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ