އެކުވެރި ގައުމުތަކަށް ވެސް ނުވަދެވޭ ސިޔާސީ ދޮރުތަކެއް ހުންނާނެ: މިނިސްޓަރު އުމަރު

އިގްތިސާދީ ގޮތުން ދުނިޔެ ކިތަންމެ ބަވަނަ ވެފައިވީ ނަމަވެސް ސިޔާސީ ގޮތުން ކޮންމެ ގައުމެއްގައި ވެސް އެގައުމެއްގެ އަމިއްލަ ވަންތަކަން ދަމަހައްޓާ ކަމަށާއި އެކުވެރި ގައުމުތަކަށް ވެސް ނުވަދެވޭ ސިޔާސީ ދޮރުތަކެއް ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުގެ ސިޔާސީ ދޮރުތައް "ތަންމިނަށް" ހުޅުވާ ނުދެއްވާތީ އެކަމާ ކަންބޮޑުވާ އަހުން މި ގައުމުގައި ވެސް އެބަ ތިބި ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފާޅުގައި ކުށްކުރާ މީހުންނަށް ޝަރީއަތް ހިންގިގެން ނުވާނެ ކަމަށް ބުނާ ފަހަރު ވެސް އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ. "މިފަދަ ހިޔާލުތަފާތުވާ ދަނޑިވަޅުގައި ބޭރުގެ އެހީތެރިކަމަށް އެދި ގޮވާ އަޑު އެބައިވޭ. އަދި ތިމާގެ އަމިއްލަ ގައުމާ މެދު ތިމާ އެ ފަސްގަނޑަކަށް އުފަން އެ ފަސްގަނޑަކާ މެދު އެ ފަސް ގަނޑެއްގައި މަރުވެ ވަޅުލެވެންވީ ފަސްގަނޑާ މެދު ދަތި ކުރުމުގެ ފިޔަވަޅު އަޅާ ދޭތޯ އެކިއެކި ކަރަކަރަ އަށް ގޮސް އެ ކަރަކަރައިގެން ބޮޑެތި ދޮރުތަކުގައި ޓަކި ޖެހޭތަން އެބަ އާދޭ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ގައުމަށް ހެވަށް އެދޭ ނަމަ އެފަދަ އަމަލެއް ހިނގައިގެން ނުވާނެ ކަމުގެ އަޒުމް ކޮންމެ ދިވެހި ދަރިއަކު އާކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ތާރީހު އަބަދުމެ އެކަމަށް ހަރު އަޑުން ގޮވާ ކަމަށެވެ. ހުރަވީ ދުވަސް ދިވެހިންނަށް ހަނދާން ކޮށްދޭ އަނެއް ހަގީގަތަކީ އެ ތާރީހުގެ ރީތި ފަރާތް ކަމަށާއި އެގޮތުން އެ ދުވަހަކީ ދިވެހި ގައުމަށް ވަފާތެރި ދިވެހިންގެ ނަމޫނާ ދައްކުވާދިން ދުވަހެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ދޮން ބަންޑާރައިން އެ ދުވަހު ނުކުމެ އެހެން ގައުމަކުން ރާއްޖެ އަރާ ތިބި ބައެއްގެ ކިބައިން މި ފަސްގަނޑު ސަލާމަތް ކުރުމަށް ނުކުތީ ބޭރުގެ ނުފޫޒުތަކުން ގައުމު މިނިވަން ކުރުން ކަމަށާއި ބޭރުގެ ބާރުތަކުގެ ކުރިމަތީގައި އަމިއްލަ ދިވެހި ޝަހުސިއްޔަތުގެ ވިންދު ހުރިކަން ހާމަކުރަން ކަމަށް އުމަރު ވިދާޅުވި އެވެ. "ދިވެހި ލެއަކީ އެޅިހާ ބަތަކަށް ރިހަކިއާ ހަކަތަ ހުސްވެފައިވާ ލެއެއް ނޫން ކަން ދުނިޔެއަށް ދައްކަން، މިކަން އެ މުޖާހިދުން [ދޮންބަންޑާރައިން] ދުނިޔެއަށް ސާބިތުކޮށްދެއްވި. ހަތަރު މަސް ނުވަނީ ހޮޅިންގެ ކިބައިން ރާއްޖެ މިނިވަން ކޮށްދެއްވީ ފުރިހަމަ ރޭވުންތެރިކަމާއި ހުށިޔާރު ކަމުގެ ލާމަސީލު ހަމަލާއެއްގައި،" އުމަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. ދިވެހިންނަކީ އެއްވެސް އިރެއްގައި އަދާވަތްތެރި ބައެއް ނޫން ކަމަށާއި ދިވެހިންގެ މޫނުތަކަކީ ހިނިތުންވުމާއި މަރުހަބާގެ މޫނުތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންނަމަވެސް ދިވެހިންގެ އިސްތިގުލާލާއި އަމިއްލަ މިނިވަންކަމަކީ ދިވެހިންގެ ހައްގެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހައްގަކާ ކުޅޭ ބަޔަކަށް ދިވެހިންގެ ހަރުދަނާކަން ދައްކުވައި ދޭނެ ކަމަށެވެ. "އާދެ މިއަދު އަޅުގަނޑުމެން ހުރަވީ ދުވަސް ފާހަގަކުރާ އިރު ގައުމު އަދި ވެސް އޮތީ އަމާންކަމަށް އެދިއެދި. ގާނޫނުތަކުގައި ހުރި ލޯވަޅުތައް ބައްދާން އެބަޖެހޭ. އަމަލުވާ އެއްޗެއްސާއި މީހުން މެރުމާއި މާރާމާރީ ފަދަ ބޮޑެތި ކުށް ކުރާ މީހުންނަށް ބޯދަމައި ނުގަނެވޭނެ ވަރަށް ގާނޫނުގައި ހުރި ހިތްމިތައް ހިމުން ކުރާން އެބަޖެހޭ. ހަމަ އެހެންމެ ކުށުން ބަރީއަތް ވެގެންވާ މީހުންގެ ހައްގުތައް ދިފާއު ކުރެވޭނެ މަގުތައް ވެސް ގާނޫނުން ސަރާސަރުކޮށް ފަހިވެފައި އޮންނަަން ޖެހޭ." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ