ޖުމްހޫރީ ޕާޓީ ހަވާލުކުރަން ރިޔާޒު އެދުނު، ނާޒިމާ ދެމީހުން ތިބީ އަމިއްލަ އެދުމުން ފޯވެފައި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕް ހަވާލުކޮށްދިނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެދުނު ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމު ވިދާޅުވީ ރިޔާޒު އެގޮތަށް އެދިވަޑައިގެން ނަމަވެސް އެކަންކަމަކީ ޕާޓީގެ ކައުންސިލުން ނިންމާ ކަމެއް ކަމަށެވެ. އަދި ޕާޓީ ތެރެއިން މަސައްކަތް ކުރައްވައިގެން އެހިސާބަށް ދިއުމަށް ރިޔާޒަށް ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު ކައިރީގައި އަބްދުﷲ ރިޔާޒު ބުނި، މި ޕާޓީ މިހާރު ދެން ގާސިމް ހަވާލުކުރަން ވީނުންހޭ. އަޅުގަނޑު ކައިރީގަ އެއް ދުވަހު ބުނުއްވި. ދެން އަޅުގަނޑު ބުނީ ހަވާލުކުރަނީ ކިހިނެއްހޭ، އަޅުގަނޑު އަމިއްލައަށް ކުރާ ކަމެއް ނޫނޭ އެއީ“ ގާސިމު ވިދާޅުވި އެވެ.
ރިޔާޒުއާއި ޖޭޕީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ތިއްބަވައިގެން މިހާރު ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ.
ގާސިމު ވިދާޅުވީ، ރިޔާޒާއި ނާޒިމް ސިއްރިއްޔާތުގައި ކަމެއް ކުރަން އުޅުނުތޯ ނުވަތަ ނޫންތޯ ދަންނަވަން ނޭނގޭ ކަމަށާއި އެކަން ޖަހޭނީ އިތުރަށް ބަލަން ކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންނަކީވެސް އަމިއްލަ އެދުމުން ފޯވެފައި ތިއްބެވި ބޭފުޅުން ކަމަށާއި އެބޭފުޅުން ހައްދަވާ ޕާޓީއަކުން ދިވެހި ރައްޔިތުންނަށް އެއްވެސް ރަނގަޅު ކަމެއް ނުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ