ނޯތު ހާބަރުގެ ކިޔު އުސޫލު އަނެއްކާވެސް ބަދަލުކޮށްފި

ނޯތު ހާބަރުގެ ތިން ޒޯނުގެ ކިޔޫގައި އެއްފަހަރާ ޖެހޭ ގޮތަށް އޮތް ފުރުސަތު އުވާލައި، އެއް ދަތުރެއްގައި އެއް އުޅަނދަކަށް ނަން ނޯޓުކުރެވޭނީ ކޮންމެ ވެސް އެއް ކިޔޫއެއްގައި ކަމަށް ކަނޑައަޅައި ކިޔޫ އުސޫލަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި ބަދަލު ގެނައީ މިދިޔަ މާޗު މަހު އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އޮޑިވެރިންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ މާޗު މަހު ގެނައި ބަދަލުތަކާ ގުޅިގެން އުޅަނދަކުން މަހަކު މުދާ އުފުލަން ކުރާ ދަތުރުތައް މަދުކުރަން އޮތީ މަޖުބޫރުވެފައެވެ. އޮޑިވެރިން ފާހަގަކުރި ގޮތުގައި ނޯތު ހާބަރަށް ކައިރިކުރަން ކިޔޫ ނަންބަރު ޖެހެންދެން 10-15 ދުވަސް މަޑުކުރަން ޖެހުމުގެ ސަބަބުން، ގިނަ އޮޑިތަކަށް މިހާރު މަހަކު ކުރެވެނީ އެންމެ ދަތުރެއް ނުވަތަ ދެ ދަތުރެވެ. މީގެ އިތުރުން، ކޮންމެ އުޅަނދަކަށް އެއްފަހަރާ ތިން ޒޯނުގެ ކިޔޫގައި ވެސް ޖެހެވޭނެ ފުރުސަތު އޮތުމުން، ހުރިހާ ކިޔޫތަކެއް އޮންނަނީ ވަރަށް ބޮޑަށް ދިގުވެފައެވެ.
އެމްޕީއެލުން އަލަށް ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، ނޯތު ހާބަރުގެ ތިން ޒޯން ކަމަށްވާ އޭ ޒޯން، ސީ ޒޯން އަދި އެކްސްޕްރެސް ޒޯނުގެ ތެރެއިން ނަން ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިހްތިޔާރުކުރާ ކޮންމެ ވެސް އެއް ކިޔޫއެއްގައެވެ. އެއް ދަތުރެއް ކަމަށް ބަލާނީ ކިޔޫ ތަރުތީބުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ފުރުމުންނެވެ.
ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، ދެ ގަޑިއިރު ތެރޭގައި ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި ފަސް ދުވަހުގެ މުއްދަތަކަށް ކިޔޫ ހޯލްޑްކުރަން އޮތް ފުރުސަތު މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
އެމްޕީއެލުން ބުނި ގޮތުގައި މި އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެންނެވެ. މި ބަދަލާއެކު ކިޔޫތައް އަވަސްވެ، އޮޑިވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ