ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއަޝިޕް ފައިނޭންސިން' އިނީޝިއޭޓިވްގެ ދަށުން، ޒުވާނުންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު ދިނުމެވެ. އަދި ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމަށް އެހީތެރިވެދިނުމާއި މަޝްރޫއުތައް މޮނިޓާކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން، ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން ޕްރޮގްރާމްގެ ފައިދާ ލިބޭ ފަރާތްތަކަށް ބީސީސީން މި ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ވިޔަފާރިތައް ފަށައި، ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެއެވެ. މި ޕާޓްނަރޝިޕާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށެވެ. އެ ބޭންކުން ބޭނުންވަނީ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަދި ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ބާރުވެރިކުރުވަން ކަމަށް ބަދުރު ވިދާޅުވިއެވެ. "ބީސީސީއާއެކު މި ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި، މެންޓާޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުގެ ވިޔަފާރިތަކަށް ވަރުގަދަ ބިންގަލެއް އެޅުމަށް." ބަދުރު ވިދާޅުވިއެވެ. ބީސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒިޔާއު ވިދާޅުވި ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތުކަމާއި ކުރައްވާ މަސައްކަތްޕުޅަށް ތާރީފު ހައްގުވެއެވެ. "ޒުވާން ވިޔަފާރިވެރިންނަކީ އައު އީޖާދުތަކާއި، އުފެއްދުންތެރި ވިސްނުންތަކުގެ އިތުރުން އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް. ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމުކޮށްދެވިއްޖެނަމަ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އުއްމީދީ އައު ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ." ޒިޔާއު ވިދާޅުވިއެވެ. "މީގެއިތުރުން މިއީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް." މި އެއްބަސްވުމަކީ އަމަލީ ގޮތުން ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް ގުޅުވާލައިގެން ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން ކުރާ ގުޅިފައިވާ މަސައްކަތެކެވެ. މިގޮތުން، ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިން މަރުހަލާއާ ހަމައަށް އެހީތެރިކަން ލިބި، ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެ، މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތަޢާރަފުކޮށްފައިވާ 'ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން' އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި، ފަސޭހަ، އަވަސް އަދި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ އެޕްލިކޭޝަން މަރުހަލާއެއް ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ