ފޯން ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނު މެދުއުމުރުގެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މެދުއުމުރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، ޠާހިރު މުޙައްމަދު (50އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ 12:32 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކުރި އިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާއި ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ