ސ. ފޭދޫ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ފުލުހުން ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފެށިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ، އެމީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާކަމަށެވެ.
މީގެއިތުރުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ފެނުނު ތަކެތީގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭކަމަށާއި އެ ތަކެތި މިހާރު އޭގެ ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ފޭދޫ ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރުތެރޭ ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ