އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާތައް 2010 އިން ފެށިގެން ދެގުނައަށް އިތުރުވެއްޖެއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާ ހަތްގުނަ އިތުރެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އިންޑިއާގައި ރޭޕްގެ 29,536 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރެކޯޑް މިންވަރަކަށް، އެބަހީ 69,191 އަށް ވަނީ އަރާފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިނގިލި ދިއްކުރަނީ ފުލުހުންގެ ނިޒާމަށާއި، ކޯޓުތަކަށާއި، މުޖުތަމައުގެ ތެރޭގައި މިފަދަ ކަންކަމާމެދު ދެކޭ ގޮތަށެވެ.
މި ހިނގާ މަހުގެ ހޮނިހިރު ދުވަހެއްގެ ހަވީރު، އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ކުޑަ ރަށެއްގައި އުޅޭ 11 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ހަފުލާއަކަށް ދިޔައީ އުންމީދުތަކަކާއެކުގައެވެ. ނަމަވެސް އެ ކުއްޖާ އެނބުރި ގެއަކަށް ނައެވެ. ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ކުއްޖާ ވަނީ ވަގަށް ނަގައި، ގްރޫޕަކުން ރޭޕްކޮށް، ގޯންޏަކަށްލައި ބަނދެފައި، ދިރިހުއްޓާ ފެންގަނޑަކަށް އެއްލާލާފައެވެ.
މިއީ އިންޑިއާގައި އާންމުވެފައިވާ ރަހުމުކުޑަ ޖިންސީ އަނިޔާގެ އެންމެ ފަހުގެ ހިތާމަވެރި ހާދިސާއެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ކޮންމެ ދުވަހަކު 80 އަށްވުރެ ގިނަ ރޭޕްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެއެވެ. ނަމަވެސް، އަނިޔާ ލިބޭ މީހާ ކުށްވެރިކުރުމާއި ބަދުނާމުވުމަށް ބިރުން، މިއަށްވުރެ މާ ގިނަ މައްސަލަތައް ރިޕޯޓުނުކުރެވި ހުންނަކަމަށް އެކްޓިވިސްޓުން ބުނެއެވެ.
މުޖުތަމައުގައި އަށަގަނެފައިވާ ފިރިހެނުންނަށް އިސްކަންދޭ ނިޒާމާއި، އަންހެނުންނަށް ނަފުރަތުކުރުމުގެ ސަގާފަތާއި، ފުލުހުންގެ ފޯސް މަދުވުމުގެ އިތުރުން ޝަރުއީ ދާއިރާގައި މައްސަލަތައް ދިގުލައިގެން ދިއުމަކީ، ކުށްވެރިންނަށް އަދަބުން ސަލާމަތްވެވޭނެކަމުގެ އިހުސާސްކޮށްދޭ ކަންކަމެވެ. މިފަދަ މައްސަލަތައް ހުއްޓުމެއްނެތި އިތުރުވަމުންދަނީ މި ސަބަބުތަކާ ހުރެ ކަމަށް މާހިރުން ދެކެއެވެ.
2012 ވަނަ އަހަރު ދިއްލީގައި ދަރިވަރަކު ގްރޫޕް ރޭޕްކުރި ހާދިސާއާ ގުޅިގެން ގާނޫނީ ބޮޑެތި އިސްލާހުތަކެއް ގެނެސް، ހަރުކަށި އަދަބުތަކާއި އަވަސް ނިޔާ ކޯޓުތައް އުފެއްދި ނަމަވެސް، އިންޑިއާގެ އިގްތިސާދު ކުރިއަރައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފަށް އެ ގައުމު އެރިއިރުވެސް، ޖިންސީ އަނިޔާގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ބާރުއިޕޫރުގައި ގެއްލުނު 11 އަހަރުގެ ކުއްޖާގެ ހަށިގަނޑު، ޒަހަމްތަކާއި ދަތްއަޅާފައި ހުރި ނިޝާންތަކާއެކު ފެންގަނޑަކުން ނެގި މަންޒަރު ބަލަން ކަރުނައާއެކު އެ ކުއްޖާގެ ބައްޕަ ހުއްޓެވެ. އޭނާ ރޮމުން ބުނީ "މިއަދު އަހަރެންގެ ސިކުނޑި މަސައްކަތެއް ނުކުރޭ، ވިސްނުމެއް ނެތް" ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، އަންހެނުންގެ ރައްކާތެރިކަމަކީ އެ ޕާޓީގެ އިންތިހާބީ ބޮޑު ވައުދަކަށް ވީއިރު، ހުޅަނގު ބެންގާލްގައި މިފަދަ ހާދިސާއެއް ހިނގުމުން ސަރުކާރުގެ ނާކާމިޔާބީ ހާމަވާކަމަށް އެކްޓިވިސްޓުން ބުނެއެވެ. އެމީހުން ދެކޭގޮތުގައި ހަމައެކަނި ސަރުކާރު ބަދަލުވުމަކުން މި މައްސަލައަށް ހައްލެއް ނާންނާނެއެވެ. މިކަމަށް ބޭނުންވަނީ މުޖުތަމައުގެ ވިސްނުމާއި، ފުލުހުންނާއި ފަނޑިޔާރުގެއަށް ޖިންސީ ހަމަހަމަކަމަށް ލޯހުޅުވިފައިވާ މީހުން އައްޔަންކުރުމެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މުޅި ގައުމު ސިއްސުވާލި އެތައް ހާދިސާއެއް ހިނގާފައިވެއެވެ. ރާޖަސްތާނުގައި 12 އަހަރުގެ ކުއްޖަކު ވަގަށް ނަގައި، މަސްތުވާތަކެތި ދީގެން ހަތަރު ދުވަސް ވަންދެން އެކި ހޮޓާތަކުގައި ގްރޫޕް ރޭޕްކުރި މައްސަލައެއްގައި 22 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާޒިއާބާދުގައި 7 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމަށްފަހު، އިމާރާތްކުރަމުންދާ މޯލެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.
މި މައްސަލަތަކާ ގުޅިގެން ގާނޫނީ މާހިރު ކަރުނާ ނުންދީ ވިދާޅުވީ، އެއްވެސް ސަރުކާރަކުން މި މައްސަލައިގެ އަސްލު ކަމުގައިވާ އަންހެނުންނަށް ދަށްކޮށް ހިތުމުގެ ސަގާފަތް ނައްތާލަން އިހުލާސްތެރި މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ކޯޓު މަރުހަލާ ލަސްވުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ކުށްވެރިންނަށް ޝަރީއަތުން ބޭރުން ހަމަލާދީ މަރާލުމަށް (އެންކައުންޓާ) ތާއީދުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ބާރުއިޕޫރު ހާދިސާގައިވެސް ތުހުމަތުކުރެވޭ އެކަކު ވަނީ ފުލުހުންގެ ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ. ބީޖޭޕީގެ ވަޒީރުން މިކަމަށް ތާއީދުކުރެއްވި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ މިފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމު ބަލިކަށިވެ، ފުލުހުންނަށް ބޭނުންހާ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ރެކޯޑް 69 ހާހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ