ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 239 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބި، އޭގެ ތެރެއިން 126 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެޗްޑީސީއަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ ކުންފުނިން ވަނީ ހިޔާގައި މީހުން ދިރިއުޅެން ފެށި އޭޕްރިލް 2022 އިން ފެށިގެން މި އަހަރުގެ މާޗު މަހާ ހަމައަށް ލިބުނު ފައިސާގެ ޖުމްލަ އަދަދާއި އެ ފައިސާ ހަރަދުކުރި ގޮތް ހިއްސާކޮށްފަ އެވެ.
އެޗްޑީސީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ގަވާއިދުން ކުލި ނުދައްކާތީ އެ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ ވަރަށް ފައިސާ ނުލިބޭކަން ފާހަގަކުރެވެ އެވެ. ހިޔާގައި މީހުން ދިރިއުޅޭ 6،720 އެޕާޓުމަންޓު ހުންނައިރު، ކޮންމެ އެޕާޓުމަންޓަކުން ކޮންމެ މަހަކަު މެއިންޓެނަންސް ފީއަށް 1،000ރ. ދައްކަން ޖެހެ އެވެ.
މެއިންޓެނަންސް ފީ ހުރިހާ އެޕާޓުމަންޓަކުން ބަރާބަރަށް ދައްކާ ނަމަ އެޗްޑީސީއަށް ކޮންމެ މަހަކު 6.7 މިލިއަން ރުފިޔާ، އަދި އަހަރަކު 80 މިލިއަން ރުފިޔާ ލިބެން ލިބެން ޖެހެ އެވެ. މި އަދަދުތަކުން ހިސާބުކުރާއިރު އޭޕްރިލް 2022 އިން މާޗު 2026 އަށް އެ ކުންފުންޏަށް 315 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. އެެހެންކަމުން ލިބުނު އަދަދާއި ލިބެން ޖެހޭ އަދަދުގައި 76 މިލިއަން ރުފިޔާގެ ފަރަގެއް އެބައުޅެ އެވެ.
އެޗްޑީސީއަށް ލިބޭ ފައިސާ ހަރަދުކުރާ ގޮތަށް ބަލާއިރު، ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސަށް ކޮްންމެ މަހަކު ހަރަދުކުރަނީ އެވަރެޖުކޮށް 2.6 މިލިއަން ރުފިޔާ އެވެ. އަހަރަަކަށް ބަލާ ނަމަ އެވަރެޖު އުޅެނީ 31 މިލިއަން ރުފިޔާގަ އެވެ.
މެއިންޓެނަންސް ފައިސާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގަނީ ހިޔާގެ ލިފްޓުތައް ހިމެނޭހެން އާންމު ސަރަހައްދުތަކަށް ކަރަންޓު ދިނުމަށެވެ. ކަރަންޓު ބިލަށް ކޮންމެ އަހަރަކު އެވަރެޖުކޮށް 6.6 މިލިއަން އަރާއިރު، ހަތަރު އަހަރުގެ ތެރޭގައި އެކަމަށް 26.6 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ
ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހިޔާ ޓަވަަރުތަކުގައި ސީސީޓީވީ ހަރުކުރުމަށާއި (16 މިލިއަން ރުފިޔާ) އަދި ސެކިއުރިޓީއަށާއި (14 މިލިއަން ރުފިޔާ) ލިފްޓުތަކުގެ މެއިންޓެނަންސްއަށް (8 މިލިއަން ރުފިޔާ) އެވެ.
ހިޔާއަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓެވެ. ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި ޕްރޮޖެކްޓުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ. އެޗްޑީސިން އަންދާޒާކުރަނީ މި ފްލެޓުތަކުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސަށް ލިބުނީ 239 މިލިއަން، ހަރަދުކުރީ 126 މިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ